ދެކުނު ކޮރެއާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ވަގުތު ވަޒީފާގައި މަސައްކަތް ކުރަންޖެހޭ އެއް ގައުމެވެ. 2023 ވަނަ އަހަރު އެގައުމުގެ ރައްޔިތުން އެވްރެޖްކޮށް 1،872 ގަޑިއިރު ވަޒީފާގައި ހޭދަކުރިއިރު އެއީ ގާތްގަނޑަކަށް ހަފްތާއަކު ފަސް ދުވަހު، ދުވާލަކަށް ހަތް ގަޑިއިރެވެ.

ދުވަހުގެ ގިނަ ވަގުތު ވަޒީފާގައި އުޅެން ޖެހުމުގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަ ކުރުމުގެ ގޮތުން ދެކުނު ކޮރެއާގެ ސަރުކާރުން މިވަނީ ފިޔަވަޅުތަކެއް އަަޅަން ނިންމާފަ އެވެ. އޭގެ ތެރެއިން އެއް ފިޔަވަޅަކީ ވަޒީފާގެ ހަފްތާ ހަތަރު ދުވަހަށް ކުރު ކުރުމެވެ.

މި ނިންމުމުގެ ކުރިން ދެކުނު ކޮރެއާގެ ސަރުކާރުން ރައްޔިތުންގެ ހިޔާލު ހޯދަން ދިރާސާއެއް ކޮށްފައިވާއިރު އެގައުމުގައި ވަޒީފާ އަދާކުރާ އުމުރުގެ އާބާދީގެ ބޮޑު އިންސައްތައެއް ވަނީ މިކަމަށް ތާއީދުކޮށްފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ސަރުކާރުގެ މި ނިންމުމަކީ އެ ގައުމުގެ ރައްޔިތުންގެ އިޖުތިމާއީ ގުޅުންތައް ވަރުގަދަކޮށް ދަށްވަމުން އަންނަ ކޮރެއާގެ އާބާދީ އިތުރު ކުރަން އަޅާ ފިޔަވަޅެކެވެ.

މި ފިޔަވަޅާއެކު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް އެކުގައި ހޭދަކުރަން ލިބޭ ވަގުތު އިތުރުވެ އެގައުމުގައި އަލަށް ކުދިން އުފަންވާ ރޭޓު އިތުރުވާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.

މިއަދުގެ ހާލަތަށް ބަލާއިރު ކޮރެއާއަކީ ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ އިޖުތިމާއީ ގުޅުންތައް ކުޑަ ޖީލެއް ބޮޑުވަމުން އަންނަ ގައުމެކެވެ.