އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑްއިން އުފައްދާފައިވާ އެސްޓްރާޒެނެކާ ވެކްސިން މިހާރު ބްރެޒިލްގައި ފެތުރިގެން އުޅޭ ކޮވިޑްގެ އައު ވޭރިއެންޓާ ދެކޮޅަށް މަސައްކަތް ކުރާކަމަށް އެ ޔުނިވާސިޓީގައި ހިންގި ދިރާސާއަކުން ދައްކާއިފި އެވެ.
ނަން ހާމަކުރަން ބޭނުން ނުވާ އެ ބޭފުޅާ ވިދާޅުވާ ގޮތުގައި މި ވެކްސިން އިތުރު ބަދަލުތަކެއް ނުގެނެސް، ބްރެޒިލްގެ މަނައުސް އިން ފެނުނު ކަމުގައި ބެލެވޭ ވޭރިއެންޓާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ދިރާސާއިން ދައްކަ އެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ނުދިން ކަމުގައި ވިޔަސް ވަރަށް އަވަހަށް މި ދިރާސާގެ ނަތީޖާ ޝާއިއު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މީގެ ކުރިން ހަދާފައިވާ ދިރާސާއިން ދެއްކި ގޮތުގައި މިވެކްސިނުން ދެކުނު އެފްރިކާގައި ފެނުނު ވޭރިއެންޓާ ދެކޮޅަށް މާބޮޑު އަސަރެއް ނުކުރެއެވެ. އެހެން ކަމުން އެ ގައުމުގައި ވެކްސިން ދިނުން ވަނީ މެދުކަނޑާލާފަ އެވެ. އަދި އިތުރު ދިރާސާ އަކުން ދައްކާގޮތުގައި ބްރެޒިލްގެ ވޭރިއެންޓާ ދެކޮޅަށް ޗައިނާގެ ސިނޯވެކް ވެކްސިން ވެސް އަސަރެއް ނުކުރެ އެވެ.
އެޕިޑީމިއޮލޮޖިސްޓުން ގަބޫލުކުރާ ގޮތުގައި ބްރެޒިލްގެ މި ވޭރިއެންޓަކީ ކޮވިޑްގެ ކޭސްތަކާއި މަރު އިތުރުވެގެންދާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ. މިބުދަ ދުވަހު ބްރެޒިލްގައި ދުވާލެއްގެ މައްޗަށް 1910 މީހުން ކޮވިޑް ޖެހިން މަރުވެފައިވެ އެވެ.