ފ. އަތޮޅު ކައުންސިލްގެ މުވައްޒަފުން ސްރީ ލަންކާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ މައްސަލަ އެންޓި-ކޮރަޕްޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ލަންކާއަށް ކުރާ ދަތުރަށް ފ. އަތޮޅު ކައުންސިލުން ވަނީ 150،000 ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ކަނޑައަޅާފަ އެވެ. މިދަތުރުގައި 20 މުވައްޒަފުން ބައިވެރިވެ އެވެ.

އެންމެ ހިންގުންތެރި ކައުންސިލްގެ އެވޯޑް ވެސް ހޯދާފައިވާ ފ. އަތޮޅު ކައުންސިލުގެ މި ދަތުރުގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ.

ހަރަދުތައް ކުޑަކުރަން ދައުލަތުން ފިޔަވަޅުތަކެއް އަޅަމުން ދަނިކޮށް ކައުންސިލެއްގެ ގިނަ އަދަދެއްގެ މުވައްޒަފުން ރާއްޖޭން ބޭރަށް ކުރަން އުޅޭ ދަތުރެއްގެ މައްސަލަ އޭސީސީ އަށް ހުށަހެޅި ނަމަވެސް މިކަމާ ގުޅޭ ގޮތުން އެ ކޮމިޝަން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރަކީ ތަޖުރިބާ ހޯދުމަށާއި ޗުއްޓީ ހޭދަކޮށްލުމަށް ލަންކާއަށް ކުރާ ދަތުރެކެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން މި ވަގުތު ކޮންމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރުމަށާއި ހަރަދު ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް ވެސް އަންގާފަ އެވެ. ނަމަވެސް ބައެއް ކައުންސިލްތަކަށް ލިބޭ ފައިސާ ބޭނުންކޮށްގެން ތަޖުރިބާ ހޯދުމުގެ ނަމުގައި ބައެއް ކައުންސިލަރުން ޔޫއޭއީ އާއި ތައިލެންޑާއި ތުރުކީ ފަދަ ގައުމުތަކަށް ދަތުރުކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ފެންމަތިކޮށްފަ އެވެ.