އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބޭއްވި އިވެންޓެއްގައި ހޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ބައިވެރިވެ ފައިސާގެ ބޮޑެތި އަދަދުތައް ހަދިޔާކޮށްފި އެވެ.

އަނިޔާއަށް ހުށައެޅިފައިވާ އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތްކުރާ ޖަމިއްޔާތަކަށް ފަންޑް ހޯދުމުގެ ގޮތުން ބޭއްވި ރޭނގަނޑުގެ އެ ހަފްލާ އިންތިޒާމު ކޮށްފައިވަނީ ކެރިންގްސް ގްރޫޕްގެ ފަރާތުންނެވެ.

މި ހަފްލާއަށް ހާޒިރުވި ހޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ސަލްމާ ހަޔަކް، ކިމް ކާޑޭޝަން، ކޭޓީ ޕެރީ، ޑަކޯޓާ ޖޯންސަން އަދި ލިއޮނާޑޯ ޑިކެޕްރިއޯ ފަދަ ތަރިން ހިމެނެ އެވެ.

އެ ހަފްލާއަށް ހާޒިރުވި ހޮލީވުޑް ތަރިންގެ ފަރާތުން އަންހެނުންގެ ހައްގުތަކަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ގާތްގަނޑަަކަށް ތިން މިލިއަން ޑޮލަރު ހަދިޔާ ކޮށްފައިވެ އެވެ.

މިހާރު ކުރިއަށްދާ ވެނިސް ފިލްމު ފެސްޓިވަލްއާއި ޓޮރޮންޓޯ ފިލްމު ފެސްޓިވަލް ފަދަ ހޮލީވުޑްގެ ބޮޑު އިވެންޓްތައް އޮތް ދުވަސްވަރެއްގައި ވެސް ގިނަ ތަރިންތަކެއް މިފަދަ ފަންޑް ރެއިޒިން އިވެންޓަކަށް އައުމުން އުފާކުރާ ކަމަށް އެ އިވެންޓް އިންތިޒާމުކުރި ފަރާތުން ބުންޏެވެ.

ރޭގަނޑުގެ ކެއުމަށްފަހު އެ އިވެންޓުގެ ތެރެއިން ކެރިންގް ބްރޭންޑްގެ އުފެއްދުންތައް ނީލަން ކިޔުމުގެ ހަރަކާތެއް ވެސް ކުރިއަށް ދިޔަ އެވެ. އެ ނީލަމުން ލިބުނު ފައިސާވެސް ހަދިޔާކުރަން ހަމަޖެހިފައިވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށެވެ.