މަތިންދާ ބޯޓެއްގެ ކެބިން ޕްރެޝަރު ކުއްލިއަކަށް ދަށްވެ އެ ބޯޓުން ދަތުރުކުރި ބައެއް ފަސިންޖަރުންނަށް ޖިސްމާނީ އަނިޔާތަކެއް ލިބިއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހު އެ ހާދިސާގައި އަނިޔާވެފައިވަނީ އެމެރިކާގެ އޫޓާގެ ސޯލްޓް ލޭކް ސިޓީއިން ޕޯޓްލޭންޑަށް ދަތުރުކުރި ޑެލްޓާ އެއާލައިންސްއެއްގެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުން ތަކަކަށެވެ.

އެ މަތިންދާ ބޯޓުގެ ކެބިން ޕްރެޝަރު ދަށްވެ ބޯޓު ތިރިއަށް ހިފުމުން ގިނަ ފަސިންޖަރުންތަކެއްގެ ކަންފަތް ފަޅައިގެން ގޮސް ކަންފަތުންނާއި ނޭފަތުން ވަނީ ލޭ އައިސްފަ އެވެ.

10،275 ފޫޓު އުސް މިނުގައި ދަތުރު ކުރަމުން ދަނިކޮށް މަތިންދާ ބޯޓަށް ޖެހި ހަތަރު މިނެޓާއި 30 ސިކުންތުގެ ތެރޭގައި އެ ބޯޓު ވަނީ 8900 ފޫޓު ތިރިއަށް ވެއްޓިފަ އެވެ. އެއީ ގާތްގަނޑަކަށް ސިކުންތަކު 33 ފޫޓު ބާރުމިނުގަ އެވެ.

މި ހާދިސާގެ ސަބަބުން 140 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ބޮއެންގް 737-900 މަރުކާގެ އެ މަތިންދާ ބޯޓު ވަނީ އެމަޖެންސީގައި އަނބުރާ ސޯލްޓް ލޭކް ސިޓީއަށް ޖައްސާފަ އެވެ.

އެ ފްލައިޓުން ދަތުރުކުރި 10 ފަސިންޖަރަކަށް ސިއްހީ ފަރުވާ ދޭން ޖެހުނުއިރު ޑެލްޓާ އެއާލައިންސްއިން ވަނީ އެކަމުގެ ފުރިހަމަ ޒިންމާ ނަގާފަ އެވެ.

ހާދިސާއަށްފަހު އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މައްސަލަ ޖެހުނު އެ އެއާލައިންގެ ފްލައިޓުން ދަތުރުކުރި އެންމެހާ ފަސިންޖަރުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި ފަސިންޖަރުންގެ ބޭނުންތަކަށް އެއާލައިންގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ފްލައިޓް 1203ގެ ފަސިންޖަރުން އެހެން މަތިންދާ ބޯޓެއްގައި އެމީހުންގެ މަންޒިލަށް ފޮނުވުނުއިރު މައްސަލަ ޖެހުނު މަތިންދާ ބޯޓަށް ޖެހުނު މައްސަލަ ހައްލު ކުރުމަށްފަހު ޖެހިގެން އައި ދުވަހު އަލުން ހިދުމަތަށް ވަނީ ނެރެފަ އެވެ.