ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމަށް ދެ ސަރަހައްދަކުން ވެލި ނެގުމުގެ ހުއްދަ އެންވަަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ދީފި އެވެ.

އީޕީއޭއިން ހުއްދަދިނީ ކ. މާފުއްޓާ ކައިރިން ހުޅަނގަށް އޮތް ދެ ސަރަހައްދަކުން ވެލި ނެގުމަށެވެ. އެ ދެ ސަރަހައްދުގެ އިތުރުން އިތާފުށި ރިސޯޓު ކައިރިން ސަރަހައްދަކުން ވެލި ނެގުމަށް ވެސް ވަނީ ހުއްދަދީފަ އެވެ. އެ ތަންތަނުން ވެލި ނެގުމަށް ހުއްދަ ދީފައިވަނީ ހަ މަސްދުވަހަށެވެ.

އީޕީއޭ އިން ބުނީ އެ ތަންތަނުން ވެލި ނަގަން ހުއްދަ ދީފައިވަނީ 562 ހެކްޓަރުގެ ބިން ހިއްކުމަށްކަމަށް ކަމަށެވެ.

އެޗްޑީސީން ބުނީ ރަސްމާލޭގެ ނަމުގައި ހިންގާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިދިޔަ ޖޫން މަހު އަލުން ފަށައި ކުރިއަށްދަނީ، މަސައްކަތް ނިމުމުން އެ ކުންފުނިން ދިވެހި ރުފިޔާއިން އަގު އަދާކުރާ މޮޑެލްއަށް ކަމަށެވެ. ނަމަވެސް އެ މަޝްރޫއަށް ހަރަދުވާ ޖުމްލަ އަގު ހާމަކޮށްފިނަމަ އެޗްޑީސީގެ ވިޔަފާރިއަށް ގެއްލުންވާނެ ކަމަށް ބުނެ އެ މައުލޫމާތު ވަނީ ސިއްރުކޮށްފަ އެވެ.

އެޗްޑީސީން ބުނިގޮތުގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ތިން ފަރާތަކާ ހަވާލުކުރެވިފައިވެ އެވެ. އެއީ، ސީއާރުސީސީއާއި، އެމްއެމް އެކްސްޕޯޓް އަދި ސީއެމްސީސީ އެވެ. ސީއެމްސީސީގެ ޑްރެޖިން ޕާޓްނަރަކީ ބޮސްކާލިސް އެވެ.