އިނގިރޭސި ޝާހީ އާއިލާއާއި އެ އާއިލާއާ ވަކިން މިހާރު ދިރިއުޅެމުން އަންނަ ޕްރިންސް ހެރީގެ ގުޅުން ރަނގަޅު ވަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެގޮތުން މި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހެރީ އޭނާގެ 40 ވަނަ އުފަން ދުވަސް ފާހަގަ ކުރިއިރު ޝާހީ އާއިލާގެ މެމްބަރުން ވަނީ އޭނާއަށް ތަހުނިޔާ ކިޔާފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބައްޕަ ރަސްގެފާނު ޗާލްސްއާއި ބޭބެ ޕްރިންސް ވިލިއަމް ހެރީއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާނެ ކަމަށް އޭނާ އުއްމީދު ވެސް ނުކުރެ އެވެ. އެހެން ކަމުން އެ ދެމީހުންގެ ފަރާތުން ލިބުނު ތަހުނިޔާގެ މެސެޖުވީ ހެރީއަށް ލިބުނު އުފަލަކަށެވެ.
ޝާހީ އާއިލާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އާއްމުކޮށްފައިވާ ތަހުނިޔާގެ އެ މެސެޖުގައި ބުނެފައިވަނީ އުފަން ދުވަހުގެ ހެޔޮ އެދުންތައް އާއިލާގެ ފަރާތުން ހެރީއަށް ފޮނުވާ ކަމަށެވެ.
އެއާއެކު ވިލިއަމްގެ ދެކަނބަލުންގެ ރަސްމީ އެކައުންޓުން ކުރި ޕޯސްޓެއްގައި ވެސް ހެރީއަށް ދުވަހުގެ ތަހުނިޔާ އަރިސް ކޮށްފައިވެ އެވެ.
ޝާހީ އާއިލާގެ މެމްބަރުން ހެރީއަށް ތަހުނިޔާ ކިޔަން ބާރުއެޅީ ވިލިއަމްގެ އަނބިކަނބަލުން ޕްރިންސަސް ކޭޓް ކަމަށް ބުނެވެ އެވެ. ކޭޓްއަކީ ޝާހީ އާއިލާގެ މަސްލަހަތު އަބަދުވެސް އިސްކުރާ މެމްބަރެކެވެ.
ޝާހީ އާއިލާއާއި ޕްރިންސް ހެރީއާ ދެމެދު ހިޔާލު ތަފާތުވުންތައް ބޮޑުވެ ހެރީއާއި އޭނާގެ އަންހެނުން މޭގަން މާކަލް ވަނީ ރަސްމީ ޒިންމާތަކުން ދުރަށް ގޮސް ދިރިއުޅުން އެމެރިކާއަށް ބަދަލުކޮށްފަ އެވެ
އެހެން ނަމަވެސް މި ފަހަކަށް އައިސް އެއާއިލާގެ ގުޅުން ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަމަށާއި އިނގިރޭސި ވިލާތަށް އެނބުރި އަންނަން ހެރީ ވިސްނަމުން އަންނަ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.