ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފާރަތްތަކުން ގަވާއިދާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށްޓަކައި، ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން ބަލާފާސްކުރުމަށް ޑިފެންސް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކި ބޭނުންތަކުގައި އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލްތައް އެތެރެކުރުމުގެ ހުއްދަދިނުމައި، އެފަދަ ކެމިކަލްތައް ރައްކާކުރުމަކީ ޑިފެންސް މުނިސްޓްރީން ރެގިއުލޭޓު ކުރާކަމެއްކަމަށެވެ. ކެމިކަލް ގެންގުޅުމާއި ގުދަންކުރުމުގައި ބައެއް ފަރާތްތަކުން ގަވާއިދާއި ހިލާފުވާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބޭކަމަށް ބުނެފައިވެ އެވެ.
އެ ގޮތުން މިފަދަ ތަންތަނާއި ފަރާތްތަށް ގަވާއިދުގެ ތެރެއަށް ވެއްދުމަށް "އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް އަންނަ އޮކްޓޯބަރު 1 ގައި ފެށުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެ އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަން ބަލާފާސްކުރުމާއި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަންކުރުމުގައި އަމަލު ކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމުތައް ޒޯންތަކަށް ބަހާލައިގެން ކުރިއަން ގެންދާނެކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
2019 ވަނަ އަހަރު ހ. ތިލަފުށިގޭގައި ހުރި ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި ކެމިކަލް ރައްކާކުރާ ހަތަރު ގުދަނަކާއި ހަ ގެއެއް އަނދާ ހުލިވި އެވެ. އެ ހާދިސާގައި އެކަކު މަރުވި އިރު 400 ވަރަކަށް މީހުންގެ ގެދޮރު ގެއްލިފަވެ އެވެ.
އެ ހާދިސާ ހިނގި ދުވަސްވަރު އެމްއެންޑީއެފުން ގުދަންތައް ބަލާފާސްކުރަން ފެށި އެވެ. އަދި އޭރުގެ ސަރުކާރުން އެފަދަ ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ނިންމި އެވެ.