ދިވެހި ފިލްމީ ދާއިރާގެ އެންމެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ރީކޯ މޫސާ މަނިކުއާއި މަރިޔަމް ނިޝާގެ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެ ވީޑިއޯގައި ފެންނަނީ ކުރީގެ ލަވައެއް ކަމަށްވާ "ގޮވިއްޖެ ނަދުރު މިރޭ"ގެ ތަންކޮޅަކަށް އެކްޓްކުރާ މަންޒަރެވެ.

އަބްދުލް ބާރީއާއި އާއިޝަތު އިނާޔާގެ އަޑުން ކިޔައިދީފައިވާ އެ ލަވައަކީ އެ ލަވަ ރިލީޒްކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ބެލުންތެރިންގެ ހިތުން ޖާގަ ހޯދާފައިވާ ލަވައެކެވެ.

https://www.facebook.com/share/v/kPYWSL6meYV8Cu1c/?mibextid=oFDknk

މި ވީޑިއޯއާއެކު އެތައް ބަޔަކު އަންނަނީ އަދިވެސް އެ ދެމީހުންގެ ކިބައިގައި ހުނަރު ހުރިކަން ފާހަގަކޮށް އެއީ ދިވެހި ފިލްމީ ދާއިރާ ދުށް އެންމެ ކުޅަދާނަ އެކްޓަރުން ކަމަށް ބުނަމުންނެވެ.

ރީކޯ މޫސައާއި މަރިޔަމް ނިޝާއަކީ 90ގެ އަހަރުތަކާއި 2000ގެ ކުރީކޮޅު ދިވެހި ފިލްމީ ދާއިރާއިން ވިދާލި ދެތަރިންނެވެ. އެ ދެތަރިންގެ ޖޯޑަށް ބެލުންތެރިންގެ ލޯބި ލިބުނުއިރު "މަޖުބޫރު ލޯބި"، "ނާއުއްމީދު" އަދި "ގިނިހިލަ" ފަދަ ފިލްމުތަކަކީ އެ ދެތަރިން އެކުގައި ފެނިގެންދިޔަ ފިލްމުތަކެވެ.

މިވަގުތަށް ބަލާއިރު ރީކޯ މޫސައާއި ނިޝާވެސް ފިލްމީ ދާއިރާއިން ދުރުގައި ތިބި ނަމަވެސް ދޭތެރެ ދޭތެރެއިން އެ ދެތަރިންގެ ފެނިލުންތައް ފެނެ އެވެ.