ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފުތަރުވާން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން މިއަދު ހުޅުވާލައިފި އެވެ.

ބީސީސީން މިއަދު ބުނީ މިއީ ރާއްޖޭގައި ވިޔަފާރިކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓްރީކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ ތެރެއިން ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، އެ ފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ، އެ ފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކުރުމަށް އެކުލަވައިލާ ދަފުތަރެކެވެ.

ދަފުތަރު އެކުލަވާލުމުގެ އެއް މަގުސަދަކީ އެފަދަ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. ބީސީސީން ވަނީ އެ ދަފުތަރުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފުތަރު ކުރުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅާފަ އެވެ.

ދަފުތަރުގައި ރަޖިސްޓަރީވުމަށް ހާއްސަ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ވަނީ ހުޅުވާލާފަ އެވެ. އެ ކޯޕަރޭޝަނުން ބުނީ އެ ޕޯޓަލްގެ ލިންކު ބީސީސީގެ ސޯޝަލްމީޑިއާ އެކައުންޓްތަކުންނާއި ބީސީސީގެ ވެބްސައިޓް މެދުވެރިކޮށް މިއަދުން ފެށިގެން ފެންނަން ހުންނާނެކަމަށެވެ.

މީގެ އިތުރުން ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލޭގައި ހުންނަ ބީސީސީގެ މައި އޮފީހުންނާއި، އަތޮޅުތަކުގައި ގާއިމުކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީސީސީން ބުންޏެވެ.

ވިޔަފާރީގެ ގޮތުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް މި ދަފުތަރުގައި ރަޖިސްޓަރީވުމަކީ އެ ފަރާތްތަކަށް ވިޔަފާރީގައި ކުރިއަށް ދިއުމަށް ބޭނުންވާ ވަރަށް ގިނަ ކަންކަމުގައި ލުއިފަސޭހަތައް ލިބޭނެ ކަމެއް ކަމަށާއި، އެފަދަ ހުރިހާ ފަރާތްތަކެއް ވެސް މި ފުރުސަތުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ބީސީސީން ބުނެ އެވެ.

މި ދަފްތަރު އެކުލަވާލައި، އަދާހަމަކޮށް މިކަމާބެހޭ އުޞޫލުގައި ބަޔާންކުރާ ކަންކަން ހިންގައި ތަންފީޒުކޮށް ބަލަހައްޓާނީ ބީސީސީންނެވެ.