އިނގިރޭސި ވިލާތުގައި ރޭލު ދަތުރު ކުރަމުންދިޔަ ފަސިންޖަރުންތަކަކަށް އިސްލާމް ދީނާ ދެކޮޅު މެސެޖުތަކެއް ފޮނުވި މީހަކު އެގައުމުގެ އިދާރާތަކުން ހައްޔަރުކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި މި ސައިބާ އެޓޭކްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ރޭލު ސްޓޭޝަންތަކަށް އިންޓަނެޓުގެ ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ "ގްލޯބަލް ރީޗް ޓެކްނޮލޮޖީ"ގެ މުވައްޒަފެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދިން އެ ހަމަލާގައި ލަންޑަންގެ 11 ރޭލު ސްޓޭޝަނަކަށް އަސަރު ކޮށްފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެފައިވެ އެވެ.

ރޭލު ސްޓޭޝަންތަކުގެ އިންޓަނެޓަށް ވަންނަ ލޮގްއިން ޕޭޖުގައި އާއްމުކޮށްފައިވާ އެ މެސެޖުގައި ބުނެފައިވަނީ ޓެރަރިސްޓުންގެ ނުރައްކާތެރި ހަމަލާއެއް ކައިރިވަމުން އަންނަ ކަމަށެވެ.

އެ މީހާއަށް އިނގިރޭސި ވިލާތުގެ ގާނޫނުގެ ދަށުން ނާޖާއިޒު ގޮތުގައި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ ތުހުމަތު ކުރެވި ދައުވާ އުފުލާނެ ކަމަށް ބެލެވެ އެވެ.

މި ހާދިސާއާއެކު ރޭލު ސްޓޭޝަންތަކުން އިންޓަނެޓްގެ ހިދުމަތް ކަނޑާލެވުނުއިރު ސެކިއުރިޓީ ވަރުގަދަ ކުރުމަށްފަހު އެ ހިދުމަތް މިހާރު ވަނީ އަލުން ފަށާފަ އެވެ.