ބައްޗަން އާއިލާއަކީ ބޮލީވުޑް ހަބަރުތަކުގެ ފަލަ ސުރުހީއިން މި ދުވަސްވަރު ޖާގަ ހޯދަމުން އަންނަ އާއިލާ އެކެވެ. އެ އާއިލާގެ މެދުގައި ދެބަސްވުންތަކާއި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށް ހަބަރުތައް ދަނީ ފެތުރެމުންނެވެ.
އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީގެ ދެމެދުގައި މައްސަލަޖެހި އެ މީހުންގެ ކައިވެނި ރޫޅިިފައިވާ ކަމަށް އަޑު ފެތުރެމުން އަންނައިރު އެކަމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ އައިޝްވާރްޔާގެ މަސައްކަތަށް ބައްޗަން އާއިލާއިން ހިތްވަރު ނުދިނުމެވެ.
ކަން މިހެން އޮއްވައި އެ އާއިލާއާ ގުޅުންހުރި އެހެން ކަމެއް ވެސް މިހާރު މިވަނީ ފެންމަތިވެފަ އެވެ. އެއީ އަބީޝޭކްގެ މަންމަ ޖާޔާ ބައްޗަން ވެސް ބޮލީވުޑް ދޫކޮށްލަން ޖެހުނީ ފިރިމީހާ އަމީތާބު ބައްޗަންގެ އެއްބާރުލުން ނުލިބުމުން ކަމަށް ބުނެވޭ ވާހަކަ އެވެ.
1973 ވަނަ އަހަރު އަމީތާބުއާ ކައިވެނި ކުރުމުގެ ކުރިން ޖާޔާއަކީ ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިފައިވާ ތަރި އެކެވެ. އެހެން ނަމަވެސް ކައިވެންޏަށްފަހު ފިލްމީ ދާއިރާއިން ދުރަށް ދާން އޭނާ ނިންމި އެވެ.
ޖާޔާގެ މި ނިންމުމާ ބެހޭގޮތުން އޭނާގެ ބައްޕަ ތާރޫން ބަދޫރީ ބުނީ ޖާޔާ ފިލްމު ކުޅުން ހުއްޓާލަން ނިންމި ނިންމުމަކީ ލިބުނު ކުއްލި ސިހުމެއް ކަމަށާއި އެހެން ނަމަވެސް އޭނާގެ އެ ނިންމުމަށް އާއިލާއިން އިހުތިރާމްކުރި ކަމަށެވެ.
އެއާއެކު ޖާޔާގެ ނިންމުމުގެ ސަބަބުން އަމީތާބަށް އެއްވެސް ފާޑުކިޔުމެއް ހައްގު ނުވާ ކަމަށާއި އެއީ ޖާޔާގެ އަމިއްލަ ނިންމުމެއް ކަމަށް ވެސް ތާރޫން ބުނެފައިވެ އެވެ.
ގާތްގަނޑަކަށް 25 އަހަރުގެ މެދުކެނޑުމަކަށްފަހު ބޮލީވުޑްގެ ފިލްމަކުން ޖާޔާ ދެން ފެނިފައިވަނީ 1998 ވަނަ އަހަރު އެވެ. އޭނާގެ ޒުވާން އުމުރުގެ ބޮޑު ބައެއް ހޭދަކުރީ ބޮލީވުޑުއާ ދުރުގަ އެވެ.