ވަޒީފާގައި ހޭދަކުރަންޖެހޭ ވަގުތު މަދުވުމަކީ މުވައްޒަފުން ކުރާ މަަސައްކަތުގެ ފެންވަރު ރަނގަޅުވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޔޫއޭއީގެ މާހިރުން ތަކެއް ގުޅިގެން ކުރި އެ ދިރާސާއިން އެނގުނު ގޮތުގައި ވަޒީފާގެ މާހައުލުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވާ ވަރަކަށް މުވައްޒަފުންގެ މަސައްކަތް ރަނގަޅުވެ އެވެ.

އެކަމުގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ފާހަގަވެފައިވަނީ ވަޒީފާ ދޭ ފަރާތުން މުވައްޒަފުންނަށް ދޭ ލުއި ފަސޭހަތަކާއެކު އެ އޮފީހެއްގައި ގަދައަޅާ މަސައްކަތް ކުރަން ހިތްވަރު ލިބުމެވެ.

އޭގެ އިތުރުން ވެސް އިޖުތިމާއީ ދިރިއުޅުމާއި އާއިލީ ދިރިއުޅުމަށް ގިނަ ވަގުތު ލިބުމަކީ ވެސް މީހާގެ ސިކުނޑި ތާޒާވެ ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުވާ ކަމެކެވެ.

މި ނަތީޖާތަކާއެކު މާހިރުން ވަނީ އޮފީސްތަކުގައި މަސައްކަތް ކުރަން ޖެހޭ ވަގުތު މަދު ކުރަން ވަޒީފާދޭ ފަރާތްތަކަށް ލަފާދީފަ އެވެ. އެއީ ދިގު މުއްދަތުގައި މުވައްޒަފުންގެ ހިތްވަރާއި މަސައްކަތް ކުރުމުގެ ރޫހު އާލާވާ ކަމަކަށްވާތީ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ދުވާލެއްގެ މައްޗަށް ވަޒީފާގެ މާހައުލުގައި އުޅެންޖެހޭ ދިގުމިނަކީ 8 ގަޑިއިރެވެ. އެއީ ދުވާލުގެ ތިންބައިކުޅަ އެއްބަޔަށްވާއިރު ނިދުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށްފަހު އަމިއްލަ ނަފްސަށް ދެވެނީ ވަރަށް މަދު ވަގުތުކޮޅެކެވެ.

އެހެން ނަމަވެސް މި ފަހަކަށް އައިސް ބައެއް ގައުމުތަކުން ވަނީ ވަޒީފާ އަދާކުރަންޖެހޭ ވަގުތު ހަ ގަޑިއިރަށް ކުރު ކޮށްފަ އެވެ. އެކަމުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެފައިވާ ކަމަށް ވަޒީފާދޭ ފަރާތްތަކުން ބުނެ އެވެ.

ދިވެހި ރާއްޖޭގައި ވެސް އަމިއްލަ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދުވާލަކު 8 ގަޑިއިރު ނުވަތަ އެއަށްވުރެ ވެސް ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހޭއިރު އެކަމުގެ ސަބަބުން އަމިއްލަ ދިރިއުޅުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ.