ޅ. މަޑިވަރު އެއާޕޯޓުގެ ހިންގުން އައިލެންޑް އޭވިއޭޝަނުން ހުއްޓާލަން ނިންމައިފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނީގެ އޮފިޝަލަކު މިއަދު "ހުރިހާ"އަށް ވިދާޅުވީ އެ އެއާޕޯޓު ހިންގުން ހުއްޓާލަނީ މަޑިވަރު ހޮލްޑިންއާއެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކަމަށެވެ. އެކަމަކު ހިންގުމަށް ބަދަލު އައި ނަަމަވެސް އެއްވެސް އެ އެއާޕޯޓުގައި މަސައްކަތް ކުރާ 22 މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތަނުގެ މެނޭޖްމަންޓް ބަދަލުވި ނަމަވެސް އޮޕަރޭޝަން އޮމާންކަމާއެކު ކުރިޔަށްދާނެ. ދެން އެ އެއާޕޯޓު ހިންގާނީ މަޑިވަރު ހޮލްޑިން އިން،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެ އެއާޕޯޓު ހިންގަން އައިލެންޑް އޭވިއޭޝަނާ އެކުވެފައިވާ އެއްބަސްވުން އަންނަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.

މަޑިވަރުގައި ހިންގާ އެއާޕޯޓަކީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ހިއްސާ އޮންނަ ކުރެއްދޫ ހޯލްޑިންގްސްއިން ތަރައްގީކުރި އެއާޕޯޓެކެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެ އެއާޕޯޓަށް މިހާރު ވެސް ދަތުރުތައް ބާއްވާ ގޮތަށް މޯލްޑިވިއަނުން ދަތުރުތައް ބާއްވާނެ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން، 2022 ވަނަ އަަހަރު ހުޅުވި މަޑިވަރު އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި، އެއާކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔާ ބިލްޑިންގެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓާމިނަލެއް ތަރައްގީކޮށްފައިވެ އެވެ.