އިނގިރޭސި ޝާހީ އާއިލާގެ މެމްބަރެއް ކަމަށްވާ ޕްރިންސް ހެރީގެ ދެމަފިރިންނާއި ނެޓްފްލިކްސްއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި މައްސަލަ ހޫނުވެފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ޕްރިންސް ހެރީއާއި މޭގަން މާކަލް ނެޓްފްލިކްސްއާއެކު 2020 ވަނަ އަހަރު ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައިވާއިރު އެ ކޮންޓްރެކްޓްގެ ދަށުން އެ ދެމަފިރިން ނެޓްފްލިކްސްއަށް އުފެއްދުންތައް އުފައްދައިދޭން ޖެހެ އެވެ.

އެހެން ނަމަވެސް މިފަހަކަށް އައިސް އެ ދެމަފިރިން ހުށައަޅަމުން އަންނަ އުފެއްދުންތަކަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިފައި ނުވާއިރު ނެޓްފްލިކްސްއިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޕްރިންސް ހެރީގެ ދެމަފިރިންނާއި ޝާހީ އާއިލާގެ ގުޅުންތަކުގެ ވާހަކަ ކިޔައިދޭ "ހެރީ އެންޑް މޭގަން" ސީރީޒްއަށް ބެލުންތެރިންގެ ތަރުހީބު ލިބުނު ނަމަވެސް އޭގެ ފަހުން ރިލީޒް ކުރެވުނު އެ ދެމަފިރިންގެ ޝޯތަކާމެދު ނެޓްފްލިކްސްގެ ވެރިން ހިތްހަމައެއް ނުޖެހެ އެވެ.

ބޮޑަށް ބެލެވޭ ގޮތުގައި 2020 ވަނަ އަހަރު ނެޓްފްލިކްސްއިން ޕްރިންސް ހެރީގެ ދެމަފިރިންނާއެކު ކޮންޓްރެކްޓްގައި ސޮއިކުރީ އިނގިރޭސި ޝާހީ އާއިލާގެ "ޑްރާމާ"ތަކުން ފައިދާ ހޯދާށެވެ.

އެހެން ނަމަވެސް ޗާލްސް ރަސްގެފާނަށް ކެންސަރު ޖެހިފައިވާ ކަން އިއުލާން ކުރެވުނު ފަހުން ޕްރިންސް ހެރީއާއި މޭގަން ވެސް ފާޅުގައި ޝާހީ އާއިލާއާ ދެކޮޅަށް ވާހަކަ ދައްކާފައެއް ނުވެ އެވެ.

އެހެން ކަމުން ނެޓްފްލިކްސްއިން ޕްރިންސް ހެރީގެ ދެމަފިރިންނާއެކު ވެފައިވާ އެއްބަސްވުން އުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.