އިންޑިއާގައި އުފައްދާފައިވާ 16 ބޭހެއްގައި ކޮލިޓީގެ މައްސަލަ ފާހަގަ ކުރެވިފައިވާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ (ސީޑީއެސްސީއޯ) އިން ނެރެފައިވާ އެލާޓަކާ ގުޅިގެން، ރާއްޖޭގެ މާކެޓުގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި އެ ބޭސްތައް ހިމެނޭތޯ ބެލުމަށް އެމްއެފްޑީއޭއިން އިވެލުއޭޝަން ހެދި ކަމަށެވެ.

އެ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އިމްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ރާއްޖެއަށް އެތެރެ ކޮށްފައިނުވި ނަމަވެސް ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެ ކުރާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފަ އެވެ.

ސަމާލުވުމަށް އަންގާފައިވާ ބޭސްތަކުގެ ތެރޭގައި ފަލްމޮސިލް، އުރިސޮކޮލް 300، ތެލްމާ އެޗް، ޑިފްލެޒާކޯޓް ޓެބްލެޓް އަދި ޕެންޓޯސިޑް ހިމެނެ އެވެ.

އެމްއެފްޑީއޭއިން އިއްޔެވެސް ވަނީ އިންޑިއާގައި އުފައްދާ 48 ބޭހެއްގައި މައްސަލަ އުޅޭ ކަމަށް އެ ގައުމުން ބުނެފައިވާތީ ސަމާލުވުމަށް އެދިފަ އެވެ.

ރާއްޖެއަށް ބޭސް އިމްޕޯޓްކުރާ ޕޯޓުތަކުގެ އިންސްޕެކްޝަން އިތުރަށް ވަރުގަދަކޮށް އެފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެމްއެފްޑީއޭ އިން ވަނީ ދީފަ އެވެ.

އެ ބޭސްތަކާ ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ.