ރަޝިއާގައި ދަރިން ހޯދުމާ ދެކޮޅަށް ފާޅުގައި ހިޔާލު ފާޅުކުރުން މަނާކުރަން އެ ގައުމުގެ ގާނޫނީ އިދާރާތަކުން މަސައްކަތް ކުރަމުން އެބަދެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ރަޝިއާއިން މި ނިންމުމަށް އަމަލު ކުރަން ނިންމާފައިވަނީ އެގައުމުގައި ދަރިން ނުހޯދާ ޒުވާނުން ގިނަވެ ދިގު މުއްދަތުގައި އާބާދީ ދަށްވެދާނެ ކަމުގެ ބިރު ހީވުމުންނެވެ.

އެގޮތުން އާއްމުކޮށް ވާހަކަ ދައްކާ އުޅޭ އުޅުމުގައާއި ފޮތްތަކާއި ފިލްމުތަކުގައި ވެސް ދަރިން ހޯދުމާ ދެކޮޅަށް ހިތްވަރު ދިނުމަކީ 55000 އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އަދަބެކެވެ.

އެއާއެކު ވަކި އުމުރެއްގެ ޒުވާނުން ދަރިން ހޯދުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅަން ވެސް ރަޝިއާއިން އަންނަނީ ވިސްނަމުންނެވެ. އެކަމުގައި އިސްތިސްނާ ވަނީ ދީނީ ސަބަބުތަކާއި ސިއްހީ ސަބަބުތަކުގެ އިތުރުން ޖިންސީ ގޯނާގެ ސަބަބުތަކެވެ.

ރަޝިއާގައި ކައިވެނި ކުރުމާއި ދަރިން ހޯދުމުގެ ހިޔާލު ގެންގުޅޭ ޒުވާނުން ދަށްވަމުން އަންނަ ކަމަށް ދިރާސާތަކުން ދައްކާއިރު އެކަމުގެ ސަބަބެއްގެ ގޮތުގައި ބެލެވެނީ ދިރިއުޅުމުގެ ހަރަދުތަކާއި އަމިއްލަ މިނިވަންކަން ބޭނުން ވުމެވެ.

އެހެން ކަމުން އަލަށް ކުދިން އުފަންވާ ރޭޓު އިތުރުކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެ އެވެ.

ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އާބާދީ އޮންނަ ގައުމަށްވާއިރު އަލަށް އުފަންވާ ކުދިންގެ އަދަދު މަދުވާނަމަ ދިގު މުއްދަތުގައި އެގައުމަށް އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިވާނެ އެވެ.