ރޭގަނޑު ނިިދީގައި ބިރުވެރި ހުވަފެން ފެނުމަކީ އާއްމު ކަމެކެވެ. ބިރުވެރި ހުވަފެން ފެންނަނީ ކީއްވެގެންތޯ ހިތުގައި ސުވާލު އުފެދޭނަމަ އެކަމުގެ ފަހަތުގައިވާ ސައިންސްގެ ހަގީގަތަށް ބަލާލުން ރަނގަޅުވާނެ އެވެ.
ބިރުވެރި ހުވަފެނަކީ ކޮންމެ އުމުރުފުރައެއްގެ ކޮންމެ މީހަކަށް ވެސް ފެނިދާނެ އެއްޗެކެވެ. ބިރުވެރި ހުވަފެން ފެނުން ވަކި އުމުރަކަށް ނުވަތަ ޖިންސަކަށް ގިނަ ކަމަށް ދިރާސާތަކުން ދައްކާފައެއް ނެތެވެ.
ހުވަފެނަކީ ނިދާފައި އޮންނައިރު ސިކުނޑީގައި ދައުރުވާ މެސެޖުތަކަކުން ދައްކުވައިދޭ މަންޒަރުތަކެކެވެ. އެހެން ކަމުން ފެންނަ ހުވަފެނަކީ ކޮންކަހަލަ ހުވަފެނެއްތޯ ދެނެގަތުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ސިކުނޑީގައި ދައުރުވާ މި މެސެޖުތަކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެކި ކަހަލަ މައުލޫމާތާއި ހިޔާލުތަކާއި ޖަޒުބާތުތަކެވެ.
އާއްމު ދިރިއުޅުމުގައި ސިކުނޑިއަށް ނަގައިގަންނަ މައުލޫމާތާއި ޖަޒުބާތުތަކާއި ހިޔާލުތަކަކީ ނިދީގައި ފެންނަ ހުވަފެންތަކަށް ސީދާ އަސަރު ކުރާ ކަންކަން ކަމަށް ސައިންސްވެރިން ބުނެ އެވެ. އެހެން ކަމުން ބިރުވެރި ހުވަފެންތަކުގެ ފަހަތުގައި ވަނީ ތިރީގައިވާ ފަދަ ނުރަނގަޅު ހިޔާލުތަކާއި ޖަޒުބާތުތަކާއި އިހުސާސްތަކެވެ.
ސްޓްރެސް
އާއްމު ދިރިއުޅުމުގައި ހާސްވާ ނުވަތަ ސްޓްރެސްއާ ކުރިމަތިލާން ޖެހޭ ކަންތައްތައް ގިނަވުމަކީ ބިރުވެރި ހުވަފެން ފެނުން އިތުރުވާ ކަމެކެވެ. ސަބަބަކަށް ވަނީ ސިކުނޑީގެ ނަފުސާނީ ދުޅަހެޔޮކަމަށް މިފަދަ ކަންކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރުމެވެ.
މާޒީގައި ހިނގާފައިވާ ހިތްދަތި ހާދިސާތައް
މާޒީގައި ކުރިމަތިބި ހިތްދަތި ތަޖުރިބާތައް ނުވަތަ އަނިޔާތަކުގެ ސަބަބުން ވެސް ބިރުވެރި ހުވަފެން ފެނުން ގިނަވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. މިފަދަ ތަޖުރިބާތަކަކީ އެކަމުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަމަށް ވާތީ ބިރުވެރި ހުވަފެން ފެނުމުގެ ފުރުސަތު ބޮޑުވެ އެވެ.
ބިރުވެރި ފިލްމުތަކާއި ވާހަކަތައް
ނިދުމުގެ ކުރިން ބިރުވެރި ފިލްމުތައް ބެލުމާއި ވާހަކަތައް ކިޔުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް މިއީ ސިކުނޑީގައި ބިރުވެރި ޚިޔާލުތައް ދައުރުވެ ބިރުވެރި ހުވަފެން ފެނުން ގާތްކޮށްދޭ ކަމެކެވެ.
އެތެރެ ހަށީގެ ބަލިތައް
ބިރުވެރި ހުވަފެން ފެނުމަކީ އޮޓޯ އިމިއުން ބަލިތަކުގެ ކުރީކޮޅު ފެނިދާނެ އަލާމާތެއްގެ ގޮތުގައި ސައިންސްވެރިންގެ ދިރާސާތަކުން ބުނެ އެވެ.
ހުވަފެން ފެނުމަކީ އަހަރެމެންގެ ކޮށްޓްރޯލްގެ ދަށުގައިވާ ކަމަކަށް ނުވާއިރު އެކަމުން ރައްކާތެރިވުމަށްޓަކައި އަހަރެމެންގެ މާތް ވެގެންވާ ދީނުގައި އަންގަވާފައިވާ ގޮތަށް ނިދުމުގެ އާދަތައް ގެންގުޅުމަކީ މުހިއްމު ކަމެކެވެ.