މިއަހަރުގެ ވިންޓާ ސީޒަނަށް އެމްއޭސީއެލްގެ އެއާޕޯޓް އޮޕަރޭޝަންސް ޑިވިޝަނުން ތައްޔާރުވާން ފަށައިފި އެވެ.

މި ބައްދަލުވުމުގެ މަގްސަދަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަންގައި އެއާޕޯޓް އޮޕަރޭޝަންސްއަށް ދިމާވާ ގޮންޖެހުންތައް މަޝްވަރާކޮށް އެ ކަންކަން ހައްލުކުރަން މަސައްކަތްތައް އިންތިޒާމްކުރުމެވެ.

މިކަމާ ގުޅޭ ގޮތުން އެމްއޭސީއެލްގެ އެއާޕޯޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއެކު ބޭއްވި މި ބައްދަލުވުމުގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ލަތީފް އަދި ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ވިންޓާ ރެޑިނަސް މީޓިންގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ، ކުންފުނިން ވިންޓާ ސީޒަނަށް ތައްޔާރުވަމުންދާއިރު އައު ބެގޭޖް ހޭންޑްލިން ސިސްޓަމެއް ވެސް ތަޢާރަފުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ސިސްޓަމުގެ ސަބަބުން އެއާޕޯޓުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް، ފަސިންޖަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ. އަދި އެމްއޭސީއެލްގެ ލަނޑުދަނޑިތަކާ އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންނާއި މެނޭޖްމަންޓް ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެކަން ފާހަގަކޮށް، އިކުއިޕްމަންޓް އަޕްގްރޭޑްކުރުމާއި ހިދުމަތްތައް ރަނގަޅުކުރުމަށް އިސްކަންދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްވަރާތައް ކުންފުނީގެ ހިއްސާދާރުންނާއެކު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ބޭނުންކުރާ ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.