"ކުކުޅަށް ވުރެ ބިސް ދޮށިވެގެން ނޫޅޭށެވެ." އެއީ ދިވެހިންގެ އާންމު ބަހެކެވެ. ދޭހަކޮށްދޭ މާނައަކީ ބިހަށް ވުރެ ކުކުޅު ދޮށިކަމެވެ. ބިހަކީ ކުކުޅު އަޅާ އެއްޗެކެވެ. އެގޮތުން ބަލާއިރު ކުކުޅަށް ވުރެ ބިސް ދޮށްޓެއް ނުވާނެ އެވެ. އަނެއްކޮޅުން ކުކުޅު އުފަންވަނީ ބިހުންނެވެ. އެހެންވީމާ ބިހަށް ވުރެ ކުކުޅު ދޮށިވާނީ ކިހިނެއް ހެއްޔެވެ؟ ސުވާލަކީ ދޮށީ ބިސް ހެއްޔެވެ؟ ނުވަތަ ކުކުޅު ހެއްޔެވެ؟ މިއީ ކުކުޅާއި ބިހާ އެއްފަދަ ދޮށީ ސުވާލެކެވެ. ސީދާ ޖަވާބު ދޭން ނޭނގި އޮތް ސުވާލެކެވެ. އެހެންކަމުން މިވާނުވާ ބަލާލަން އެބަ ޖެހެ އެވެ.

ޒަމާނީ ސައިންސް އުފަންވުމުގެ މާކުރިން ބައެއް ދީނީ އިލްމުވެރިންނާއި ފިލޯސަފަރުން ވަނީ ބިހަށް ވުރެ ކުކުޅު ދޮށި ކަމަށް ނިންމައިފަ އެވެ. އެމީހުންގެ ހުއްޖަތަކީ ދުނިޔޭގައި ވާހާ ޖަނަވާރުތަކަކީ ކަލާނގެ އުފެއްދެވި ތަކެތި ކަމުގައިވުމެވެ. އެހެންކަމުން ކުކުޅު އުފަންވެ، ދަރިފަސްކޮޅު ދެމިގެން ދިއުމުގެ ވަސީލަތެއްކަމުގައި ބިސް ހިމެނުނީ އެވެ. އެމީހުންގެ ޖަވާބު އެހާވެސް ސާފެވެ.

ސައިންސް ވެރިން އަބަދުވެސް ކަންކަމުގެ ހެކި ދައްކަނީ ރޫހާނީ ބަޔަށް ބެލުމެއް ނެތި އެހިނދަކު ލިބިފައި އޮންނަ ހެއްކެއްގެ މައްޗަށް ބުރަވެ އެވެ. އެހެންކަމުން ބިހާއި ކުކުޅުގެ ދޮށި، ހަގު މައުޟޫއަށް ވެސް އެމީހުންގެ ހުއްޖަތަކީ ފެންނަން އޮންނަ ހެއްކެވެ.

ސައިންސް ވެރިންގެ ވާހަކަ އަންނަނީ މިގޮތަށެވެ. މިހާރު އަހަރެމެން މިގެންގުޅޭ ކުކުޅުގެ އުމުރަކީ ގާތްގަނޑަކަށް 10،000 ވަރަކަށް އަހަރެވެ. ހުރިހާ ހެއްކަކަށް ބަލާއިރު ވެސް އެއީ ސައިންސްވެރިން އެއްބަސްވާ އުމުރެކެވެ. ދެން އޮތީ ބިހެވެ. އެތައް މިލިއަން އަހަރެއްގެ ކުރިން ދުނިޔޭގައި އުޅުނު ޑައިނަސޯތަކާއި މޫދުގައި އުޅޭ މަސްމަހާއި މެއްސާ އެނޫން ވެސް ގަދީމީ ކިތަންމެ ބާވަތެއް ބިސްއަޅައި އުޅުނެވެ. އެހެންކަމުން ކުކުޅަށް ވުރެ މިއޮތީ ބިސް ދޮށިވެފަ އެވެ. އެހެން ނަމަވެސް އެވަރުން ނިމޭ ހެއްޔެވެ. ދެން އުފެދޭ ސުވާލަކީ ކުކުޅު ބިސް ކުކުޅަށް ވުރެ ދޮށިހޭ ކުރާ ސުވާލެވެ.

ކުޅުޅު ބިސް ކުކުޅަށް ވުރެ ދޮށިތޯ ނުވަތަ ހަގުތޯ ކުރެވޭ ސުވާލަށް ވެސް ސައިންސް ވެރިންގެ ޖަވާބު އެބަ އޮތެވެ.

މީގެ 10،000 އަހަރު ކުރިން އަހަރެމެން މިހާރު މިގެންގުޅޭ ކުކުޅެއް ދުނިޔެއަކު ނެތެވެ. ކުކުޅަކީ ދެކުނު އިރުމަތީ އޭޝިޔާގައި އުޅުނު ކުކުޅު ފަދަ އެހެން ދެ ދޫންޏެއް މަސްހުނިވެގެން އުފަންވި ދޫންޏެކެވެ. ކުކުޅު އުފަންވީ މީގެ 10،000 އަހަރު ކުރިން ދެކުނު އިރުމަތީ އޭޝިޔާގެ ޖަންގަލީގައި އުޅުނު ރެޑް ޖަންގްލް ފޯލް ކިޔާ ދޫންޏަކާއި ގްރޭ ޖަންގްލް ފޯލް ކިޔާ ދެ ދޫންޏެއް އެކުވެގެން އެޅި ބިހަކުންނެވެ. މި އުސޫލުން ބަލާއިރު ވެސް މިހާރު އަހަރެމެން މިދަންނަ ކުކުޅަށް ވުރެ އޭގެ ބިސް މި އޮތީ ދޮށިވެފަ އެވެ.

ސައިންސްވެރިން މިގޮތަށް ކަނޑައެޅި ކަމުގައި ވިޔަސް އެމީހުން ކިތަންމެ ވަރަކަށް ހެކި ދެއްކިކަމުގައި ވިޔަސް އަންޒަމާނުއްސުރެ، ދޮށީ ކުކުޅުތޯ ނުވަތަ ބިސްތޯ ކުރަމުން އަންނަ ބަހުސަކަށް ނިމުމެއް އަންނާނެ ކަމަކަށް ނުފެނެ އެވެ. އެހެންނަމަވެސް ސައިންސްވެރިން މިއޮތީ އެމީހުންގެ ޖަވާބު ދީފަ އެވެ. އަހަރެމެން ސައިންސް ވެރިންނަށް ބުނެލާނީ ކުކުޅަށް ވުރެ ބިސް ދޮށިވެގެން ނޫޅޭށެވެ.