މަކަރާއި ހީލަތުގެ މައްސަލައެއްގައި އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންހްއާއި ބިގްބޮސްއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެލްވިޝް ޔާދަވް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި 500 ކްރޯޑް ރުޕީސްގެ މަކަރާއި ހީލަތުގެ މައްސަލައެއްގައި ބާރްތީއާއި އެލްވިޝް ހިމެނޭހެން ފަސް މީހަކު ދިއްލީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވެ އެވެ.

މި އެންމެން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ އެމީހުންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ސައްހަ ނޫން މައުލޫމާތު ފަތުރައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލާފައިވާތީ އެވެ.

"ހިބޮކްސް" ނަމަކަށް ކިޔާ ޕްލެޓްފޯމެއް އެމީހުންގެ ސޯޝަލް މީޑިއާގައި ޕްރޮމޯޓް ކުރިއިރު އެ އެޕްލިކޭޝަން ބޭނުން ކޮށްގެން ފައިސާ ގެއްލުނު 500 އެއްހާ މީހުންގެ ޝަކުވާ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އެ އެޕްލިކޭޝަން ހިންގުމުގައި އެންމެ އިސްކޮށް އުޅޭ އެކަކު ހައްޔަރުކޮށް ސުވާލު ކުރެވިފައިވާއިރު އޭނާ ވަނީ ބާރްތީއާއި އެލްވިޝްގެ އިތުރުންވެސް އެހެން ތަރިންތަކަކަށް އެ އެޕްލިކޭޝަނުން ފައިދާވާ ކަމަށް ބުނެފަ އެވެ.

ބާރްތީއާއި އެލްވިޝް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވީ ނަމަވެސް އެ ދެ މީހުންކުރެ އެކަކު ވެސް އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ.