ބޮލީވުޑްގެ ތަރި ސަލްމާން ޚާންއަކީ މިވަގުތު އެ ދާއިރާގައި މަސައްކަތްކުރާ ހުސްހަށިބައި ތަރިންގެ ތެރެއިން މިހާރުވެސް އެންމެ ގިނަ މީހުންނަށް ކަމުދާ އެއް ތަރި އެވެ.

މާޒީގައި ލޯބީގެ ގޮތުން ގިނަ ތަރިންތަކަކާ ސަލްމާން ގުޅިގެން އުޅުނު ނަމަވެސް އެއިން އެއްވެސް ގުޅުމެއް އޭގެ އެންމެ ފަހު މަންޒިލަށް ފޯރާފައެއް ނުވެ އެވެ.

ނަތީޖާއަކަށްވީ މިއަދާ ހަމައަށް ވެސް ސަލްމާން ކައިވެންޏެއް ނުކޮށް ހުރުމެވެ. އެއީ މީޑިއާގެ ފަރާތުން އޭނާއަށް އެންމެ ގިނައިން އަންނަ ސުވާލު ވެސްމެ އެވެ.

2023 ވަނަ އަހަރު ބޭއްވި އިވެންޓެއްގެ ތެރެއިން ވެސް ސަލްމާން ޚާންގެ ކައިވެނީގެ ވާހަކަ ވަނީ ފެންމަތިވެފަ އެވެ.

އެ އިވެންޓަށް އައި ހޮލީވުޑުގެ ރިޕޯޓަރަކު ވަނީ ސީދާ ސަލްމާން ޚާންއާ މުހާތަބުކޮށް އޭނާ ދެކެ ފުރަތަމަ ނަޒަރުން ލޯބިވެވިފައިވާ ކަމަށާއި ކައިވެނި ކުރާނަންތޯ ވެސް އަހާފަ އެވެ.

"ތި ސުވާލު ކުރަނީ އަހަންނަކީ ޝާހްރުކް ޚާން ކަމަށް ހީކޮށްގެންތަ" މަޖާ ރާގަކަށް ސަލްމާން އެންމެ ފުރަތަމަ ބުންޏެވެ.

ސުވާލު ކުރެވުނީ ސަލްމާންކަން އެނގިހުރެކަން ރިޕޯޓަރު ޔަގީން ކޮށްދިނުމުން ސަލްމާން ބުނެފައިވަނީ އޭނާގެ "ކައިވެނިކުރާ އުމުރު" ފާއިތުވެއްޖެ ކަމަށެވެ. އަދި މީގެ 20 އަހަރު ކުރިން ބައްދަލުވި ނަމައޭ ވެސް ބުންޏެވެ.

ސަލްމާންގެ މި ޖަވާބުން އެނގިގެންދަނީ ގިނަ ބަޔަކު ސުވާލު ކުރި ނަމަވެސް އޭނާގެ ހަޔާތުގައި ކައިވެނި ކުރުމުގެ އެއްވެސް ހިޔާލެއް ނެތް ކަމެވެ.

90 އަހަރުތަކުގައި ސަލްމާން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތަރިންގެ ތެރޭގައި ސަންގީތާ ބިޖްލާނީ، ސޯމީ އަލީ އަދި އައިޝްވާރްޔާ ރާއީ ހިމެނެ އެވެ.