ޖެނިފާ އެނިސްޓަން ހޮލީވުޑްގައި މަސައްކަތް ކުރާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އޭނާއާ ބެހޭގޮތުން އެކި ދުވަސްވަރު މީޑިއާގައި އެކި ވާހަކަތައް ދެކެވިފައިވެ އެވެ.

އޭނާގެ ޒާތީ ދިރިއުޅުމުން ފެށިގެން ހޮލީވުޑްގެ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް އެއްވެސް އަސާސެއް ނެތް ވާހަކަތައް ދެކެވިފައިވާއިރު މިފަހަކާ ޖެހެންދެން އެ ވާހަކަތަކަށް އޭނާ ރައްދުދީފައެއް ނުވެ އެވެ.

އެހެން ނަމަވެސް ދާދި ފަހުން "ދަ ޖިމީ ކިމެލް ޝޯ"ގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ޖެނިފާ ވަނީ އޭނާއާ ބެހޭގޮތުން ފެތުރިފައިވާ ބައެއް ވާހަކަތަކުގެ ތެދު ހަގީގަތް ހާމަކޮށްފަ އެވެ.

އެފަދަ ގިނަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޖެނިފާ ބުނިއިރު ބައެއް ވާހަކަތަކަކީ ކޮންމެވެސް ވަރަކަށް ތެދު ވާހަކަތަކެއް ކަމަށް އޭނާ އެއްބަސްވެފައިވެ އެވެ.

އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ފެތުރުނު އަޑުތަކާ ބެހޭ ގޮތުން ޖެނިފާ ބުނީ ބަރަކް އޮބާމާއަށްވުރެ ބޮޑަށް އޭނާގެ އަންހެނުން މިޝޭލް އޮބާމާއަކީ ކާކުކަން އޭނާއަށް އެނގޭ ކަމަށެވެ.

މީގެ އިތުރުން އޭނާގެ އަތުގައި ޖުޖިޓްސޫގެ ބްލެކް ބެލްޓެއް އޮންނަ ކަމަށް ދެކެވޭ ވާހަކަތަކަށްވެސް ޖެނިފާ ވަނީ ދެކޮޅު ހަދާފަ އެވެ.

އެހެން ނަމަވެސް އާދަޔާ ހިލާފު އެއްޗަކުން ފޭޝަލް ޓްރީޓްމަންޓެއް ހެދި ކަމަށާއި އޭނާގެ މަރުވެފައިވާ ތެރަޕިސްޓްގެ "އަޅިކޮޅެއް" ދަބަހުގައި ގެންގުޅޭ ކަމަށް އޭނާ އެއްބަސްވި އެވެ.

ޖެނިފާ މަޝްހޫރު ވެފައިވަނީ 1994 ން 2004 އަށް ކުރިއަށް ދިޔަ ސިޓްކޮމް "ފްރެންޑްސް"ގައި އޭނާ ދައްކުވައިދިން ރޭޗަލްގެ ރޯލުންނެވެ.