ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ސޮއިކޮށް އޮޓޯގްރާފް ކޮށްފައިވާ ގިޓާއެއް 4000 އެމެރިކާ ޑޮލަރަށް ގަތުމަށްފަހު ވަގުތުން އެ ގިޓާ ހަލާކު ކޮށްލައިފި އެވެ.

އެމެރިކާގެ ޓެކްސަސްއަށް ނިސްބަތްވާ އެ މީހާ ޓޭލާ ސްވިފްޓްގެ ގިޓާ ގަނެފައިވަނީ ދާދި ފަހުން އޮތް ސެލެބްރިޓީ ނީލަމެއްގައި އެންމެ ބޮޑު އަގު ހުށައަޅައިގެންނެވެ.

އެހެން ނަމަވެސް އެހާ ބޮޑު އަގެއް ދެއްކުމަށްފަހު ވަގުތުން އޭނާ އެ ގިޓާ ހަލާކު ކޮށްލުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.

އެގޮތުން އެ ހަފްލާގެ ތެރެއިން ގިޓާއާ ހަވާލު ވުމަށްފަހު ހަމަ އެތަނުގައި ހުރި މަރުތޭލަކުން ޖަހައި އޭނާ ވަނީ އެ ގިޓާ އެއްކޮށް ހަލާކު ކޮށްލާފަ އެވެ.

އެކަން ކުރުމަށްފަހު އެ މީހާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އެކަން ކުރީ ޓޭލާދެކެ ރުޅިން ނުވަތަ އެފަދަ އެއްވެސް ސަބަބަކާހުރެ ނޫން ކަމަށާއި އެއީ މަޖަލަކަށް ކުރި ކަމަށެވެ.

އެހެން ނަމަވެސް ގިޓާއަކީ ޓޭލާ ސޮއި ކޮށްފައިވާ ގިޓާއެއް ނޫން ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.