ދުނިޔޭގެ އެކި މީހުން މުޖުތަމައުގެ ސަމާލުކަން ހޯދަނީ އެކި ކަންކަމުގަ އެވެ. އެއްބަޔަކު މަތީ ވަނަތައް ހޯދައިގެން ހަބަރުތަކުގެ ފަލަ ސުރުހީއަށް އަރާއިރު އަނެއް ބަޔަކު އެމީހުންގެ ތަފާތު ހުނަރުގެ ސަބަބުން އާއްމުންގެ ލޯބި ހޯދަ އެވެ.

މިފަހަރު މިއޮތީ އެފަދަ އަންހެނެއްގެ ވާހަކަ އެވެ. ޕާކިސްތާނަށް ނިސްބަތްވާ ނަސީމް އަޚްތަރު ނަމަކަށް ކިޔާ މި އަންހެން މީހާއަކީ އޭނާގެ ހަޔާތުގެ 32 އަހަރު ވަކި ކަމަކަށް ހާއްސަކޮށް އެކަން ކާމިޔާބުކުރި މީހެކެވެ.

އެންމެ ކުޑައިރުވެސް ފެހުމުގެ މަސައްކަތްތަކަށް ޝައުގުވެރިވާ ނަސީމް ރޮދި ބޭނުން ކޮށްގެން ފޮތީގައި ކީރިތި ގުރުއާން ލިޔެ ހަތިމެއް އުފެއްދުމުގެ މަސައްކަތް ފެށީ އޭނާގެ އުމުރުން އެންމެ 30 އަހަރުގަ އެވެ.

އޭގެ 32 އަހަރު ފަހުން 2019 ވަނަ އަހަރު އެ މަސައްކަތް ނިންމައި ނަސީމް ވަނީ އޭނާގެ މަސައްކަތް ހަމަ އެ އަހަރު ސައުދީ އަރަބިއާގެ މަދީނާގައި އޮތް ކީރިތި ގުރުއާނުގެ މައުރަޒުގައި ދައްކާލާފަ އެވެ.

ނަސީމް އޭނާ ލިޔުނު ހަތިމު ދައްކާލަނީ

ނަސީމް މައުލޫމާތު ދިން ގޮތުގައި އޭނާގެ މަސައްކަތުގެ ފުރަތަމަ 15 އަހަރު ހޭދަކުރީ ހުދު ފޮތީގައި ފަންސޫރަކުން ކީރިތި ގުރުއާނުގެ އާޔަތްތައް ފަރުވާތެރިކަމާއެކު ލިޔުމަށެވެ.

އެއަށްފަހު އެ އާޔަތްތަކުގައި ތިނޯހާއި ރޮދި ބޭނުން ކޮށްގެން ރޮދި ޖެހުމަށް އިތުރު 17 އަހަރު ހޭދަވި ކަމަށް ނަސީމް ބުންޏެވެ.

ނަސީމްގެ އެ މަސައްކަތަށް 300 މީޓަރު ފޮތީގެ އިތުރުން 2500 މީޓަރު ރޮދި ބޭނުން ކުރެވިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ފޮއްޗާއި ރޮދިން އެކުލަވާލެވިފައިވާ އެ ހަތިމް ތިން ބަޔަކަށް ބަހާލެވިފައިވާއިރު ކޮންމެ ބައެއްގައި 55 ކިލޯ ހުންނަ ކަމަށްވެ އެވެ.

ނަސީމްގެ މި މަސައްކަތް މިއަދާ ހަމައަށް ވެސް މަދީނާގެ ކީރިތި ގުރުއާނުގެ މައުރަޒުގައި ދައްކާލަން ބެހެއްޓިފައިވެ އެވެ.