ކިއާރާ އަދްވާނީއަކީ މިވަގުތު ބޮލީވުޑްގައި ހަރަކާތްތެރިވާ ޒުވާން ތަރިންގެ ތެރެއިން އެންމެ ނަން މަޝްހޫރު އެއް ތަރި އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ ބޮލީވުޑުން ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.

އެހެން ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ ކިއާރާއަކީ އޭނާގެ އުފަން ނަން ނޫން ކަމެވެ. ބޮލީވުޑަށް ވަނުމުގެ ކުރިން އޭނާގެ ނަން "ކިއާރާ"އަށް ބަދަލުކުރި ކަމެވެ.

ކިއާރާގެ އުފަން ނަމަކަށް އޭނާގެ މައިންބަފައިން ކިޔާފައިވަނީ އާލިއާ އަދްވާނީ އެވެ. ވަރަށް ފަހަކާ ޖެހެންދެން އޭނާ ބޭނުންކުރީ އެ ނަމެވެ.

އެހެން ނަމަވެސް ބޮލީވުޑަށް ވަންނަން ފުރުސަތު ލިބުމާއެކު އޭނާ ވަނީ "އާލިއާ"ގެ ބަދަލުގައި "ކިއާރާ"ގެ ނަން ހިޔާރުކޮށް ރަސްމީކޮށް ނަން ބަދަލުކޮށްފަ އެވެ.

ސަބަބަކަށްވީ ބޮލީވުޑްގައި އޭރު ވެސް އާލިއާ ނަމަކަށް ކިޔާ ތަރިއެއް (އާލިއާ ބަޓް) މަޝްހޫރުކަން ހޯދާފައިވާއިރު އާއްމުންނަށް އާލިއާ ބަޓްއާއި އޭނާ އޮޅިދާނެތީ އެވެ.

2014 ވަނަ އަހަރު ރިލީޒްކުރި "ފަގްލީ"އިން ބޮލީވުޑަށް ނުކުތް ކިއާރާ އާއްމުންގެ ސަމާލުކަމަށް އައީ 2016 ވަނަ އަހަރު އޭނާ ފެނިގެންދިޔަ ފިލްމު "އެމް އެސް ދޯނީ: ދަ އަންލޯޑް ސްޓޯރީ" އިންނެވެ.