ޖޫލިއާ ރޮބާޓްސް މިހާރު ހުރީ އޭނާގެ ބޭބެ އެރިކް ރޮބާޓްސްއާ ދެން ދުވަހަކު ވެސް ވާހަކަ ނުދައްކަން ނިންމައިގެން ކަމަށް ހަބަރުތައް ބުނެފި އެވެ.

މި ދެބެއިންގެ މެދުގައި މައްސަލަ ޖެހެން މެދުވެރިވީ ދާދި ފަހުން އެރިކްގެ ހަޔާތާ ބެހޭ ގޮތުން ނެރުނު އޮޓޯބައޮގްރަފީގައި އޭނާ ހިމަނާފައިވާ ބައެއް ވާހަކަތަކެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ފޮތުގައި ޖޫލިއާގެ ހުއްދަނެތި އޭނާގެ ޒާތީ ހަޔާތާއި ފިލްމީ ދާއިރާގެ މަސައްކަތްތަކާ ބެހޭގޮތުން އެރިކް ލިޔެފައިވެ އެވެ.

ޖޫލިއާ ގަބޫލު ކުރާ ގޮތުގައި އެރިކް އޭނާގެ ފޮތުން ފައިދާ ހޯދުމަށްޓަކައި ޖޫލިއާގެ ހަޔާތް "ވިއްކާލީ" އެވެ. ބުނެވޭ ގޮތުގައި އެ ފޮތުގައި ޖޫލިއާ އާއްމު ކުރަން ބޭނުންނުވާ ބައެއް ކަންކަން ވެސް ހިމަނާފައިވެ އެވެ.

ޖޫލިއާއާއި އެރިކްއާ ދެމެދު ނުތަނަވަސްކަން އޮންނަތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް އެ ނުތަނަވަސްކަން ބޮޑުވީ އެރިކް އޭނާގެ ފޮތް ނެރުނު ހިސާބުންނެވެ.

އުމުރުގައި 12 އަހަރުގެ ބޮޑު ތަފާތެއް ހުންނަ އެ ދެބެއިންނަކީ ވެސް ހޮލީވުޑްގެ ކާމިޔާބު ދެ އެކްޓަރުންނެވެ. އެރިކް މަޝްހޫރުވީ 70ގެ އަހަރުތަކުގެ ތެރޭގަ އެވެ. ޖޫލިއާއަކީ މިހާރުވެސް ހޮލީވުޑްގައި މަޝްހޫރު ތަރި އެކެވެ.