ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ ކުރިއަށް އޮތް ފިލްމުގެ ބަތަލާ އަކީ އުމުރުން 19 އަހަރުގެ ސާރާ އަރުޖުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވަރަށް ތަފާތު ތުރިލާ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު އަދިތިޔަ ދާރު ޑައިރެކްޓް ކުރާ "ދުރަންދާރު"ގައި ރަންވީރު ފެނިގެންދާނީ އިންޓެލިޖެންސް އޮފިސަރެއްގެ ރޯލެވެ.

ރަންވީރުގެ އިތުރުން މި ފިލްމުގައި ސަންޖޭ ދަތު، އާރް މަދަވަން، އަދި އަރްޖުން ރަމްޕަލް ވެސް ފެނިގެންދާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަންވީރުގެ ބައިވެރިއެއްގެ ގޮތުގައި މިފިލްމުގައި ފެނިގެންދާނީ ސާރާ އެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިޔުން ރަންވީރަށް ވަނީ އަމާޒުވެފަ އެވެ.

ރަންވީރާއި ސާރާގެ ކާސްޓިން އަށް ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވެފައި ވަނީ ދެ އެކްޓަރުންގެ އުމުރުގެ 20 އަހަރުގެ ފަރަގުގެ ސަބަބުންނެވެ.

https://www.instagram.com/p/C96hmTTIPEO/

ރަންވީރަށް ފާޑުކިޔަން ފެށުމުން އޭނާގެ ފޭނުން ވަނީ ރަންވީރުގެ ދިފާއުގައި ނިކުމެފަ އެވެ. ބޮލީވުޑްގެ އެހެން އެކްޓަރުން ހަގު ބަތަލާއިންނާއެކު ފިލްމު ކުޅެގެން މައްސަލައަކަށް ނުވާއިރު މިހާރު މައްސަލައަކަށް ވާންވީ ސަބަބެއް ނެތް ކަމަށް ސަޕޯޓަރުން ބުނެ އެވެ.

ޖުލައި މަހުުގެ ތެރޭގައި ޝޫޓިން ފެށި "ދުރަންދާރު" ގެ މަސައްކަތް އަންނަ ޖެނުއަރީ އަށް ނިންމަން އަމާޒު ހިފާފައިވާ އިރު، ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.

ސާރާ އެންމެ ފަހުން ފެނިފައި ވަނީ ތަމަޅަ ޑައިރެކްޓަރު މަނީ ރަތުނަމް ދެ ބަޔަކަށް ގެނެސްދިން "ޕޮނިޔިން ސެލްވަން" އިންނެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ތަމަޅަ ފިލްމު "ކޯޓޭޝަން ގޭންގް" އެވެ. ސާރާ ކުޅެފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި "ސާންޑް ކީ އާނކް"، "އޭކް ލަޅުކީ ކޯ ދޭކާ ތޮ އޭސާ ލަގާ"، "ޖަޒްބާ" އަދި ޖޭ ހޯ" ހިމެނެ އެވެ.