އިނގިރޭސި ޝާހީ އާއިލާއާ ވަކިވެ މުޅިން ވަކި ދިރިއުޅުމެއް އުޅެމުން އަންނަ ޕްރިންސް ހެރީއާއި އޭނާގެ އަންހެނުން މޭގަން މާކަލްއާ ދެމެދު ނުތަނަވަސްކަމެއް އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވެން ފަށައިފި އެވެ.
މި އަޑުތައް އަރާފައި މިވަނީ ފާއިތުވި ދުވަސްތަކުގައި ފެނުނު ޕްރިންސް ހެރީގެ އާއްމު ފެނިލުންތަކުގައި އޭނާއާއެކު މޭގަން ފެނިފައި ނުވާތީ އެވެ.
ބުނެވޭ ގޮތުގައި މޭގަންއާ ނުލާ އެއް ދުވަސް މަތިން ހެރީ ވަނީ 12 އިވެންޓަކަށް ގޮސްފަ އެވެ. އެއާއެކު ދެކުނު އެފްރިކާގައި ތިބި ހެރީގެ މަންމަ ފަރާތުގެ ތިމާގެ މީހުންނަށް ޒިއާރަތް ކުރަން ހެރީ އެެކަނި ދަތުރުކުރާ ވާހަކައެއް ވެސް އަންނަނީ ދެކެވެމުންނެވެ.
މި ދަނޑިވަޅުގައި މޭގަން ވެސް އެކަނި އެހެން ތަންތަނުން ފެންނަމުންދެ އެވެ. އެގޮތުން ދާދި ފަހުން އޮތް ކުޑަކުދިންގެ އިވެންޓެއްގައި ވެސް މޭގަން ފެނުނެނެވެ.
މި ނުތަނަވަސްކަމުގެ ސަބަބެއް ކަމުގައި ބޮޑަށް ލަފާ ކުރެވެނީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން އަންނަ ހެރީގެ ބައްޕަ ޗާލްސް ރަސްގެފާނަށް ޒިއާރަތް ކުރަން މޭގަން ދެކޮޅު ހެދުން ކަމަށް ހަބަރުތައް ބުނެ އެވެ.
ޕްރިންސް ހެރީއާއި މޭގަންގެ ކައިވެންޏަށްފަހު އިނގިރޭސ ޝާހީ އާއިލާގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު ހެރީ ވަނީ އެ އާއިލާއާ ވަކިވެ އެމެރިކާއަށް ދިރިއުޅުން ބަަދަލުކޮށްފަ އެވެ.
ޝާހީ އާއިލާގެ މެދުގައި މައްސަލަތައް ޖެހުނީ މޭގަންގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު ހެރީއާއި މޭގަންގެ ގުޅުން ހީނަރުވުމަކީ އިނގިރޭސި ޝާހީ އާއިލާގެ ގުޅުމަށް ރަނގަޅު ކަމެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.