1960ގެ އަހަރުތަކުގައި މަޝްހޫރުވި އިނގިރޭސި ޕޮޕް ބޭންޑް "ބީޓަލްސް"ގައި ގެންގުޅުނު ވިންޓޭޖް ގިޓާއެއް ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.

އެ ބޭންޑުގެ ލީޑު ގިޓަރިސްޓް ކަމަށްވާ ޖޯޖް ހެރިސަން އެ ގިޓާ އެންމެ ފުރަތަމަ ގަނެފައިވަނީ އެ ބޭންޑުގެ އުފަން ރަށް ލިވަޕޫލްގެ މިއުޒިކް ފިހާރައަކުންނެވެ.

މި ގިޓާ ނީލަން ކިޔާ ފަރާތުން ބުނެފައިވަނީ އެ ގިޓާއަކީ ހެރިސަން އެންމެ ގިނައިން ބޭނުންކުރި އެއް ގިޓާ ކަމަށާއި ނީލަމުގައި އެ ގިޓާއަށް 800،000 އެމެރިކާ ޑޮލަރު ހުށައެޅޭނެ ކަމަށް ލަފާކުރާ ކަމަށެވެ.

އެ ގިޓާއަކީ ކުޅެން އުނދަގޫ ގިޓާއެއް ނަމަވެސް އޭގެ ސިފަތައް އޭނާއަށް ކަމުދާތީ އެ ގިޓާ ބޭނުން ކުރަނީ ކަމަށް ހެރިސަން ބުނެފައިވެ އެވެ.

1964 ވަނަ އަހަރު ހެރިސަން އެ ގިޓާ ހަދިޔާކުރީ މިއުޒިކް މަޖައްލާއަކުން ބޭއްވި މުބާރާތެއްގެ އިނާމުގެ ގޮތުގަ އެވެ. އެހެން ނަމަވެސް އެ މުބާރާތް ކާމިޔާބުކުރި ފަރާތުން ގިޓާގެ ބަދަލުގައި ފައިސާގެ އިނާމަށް އެދުމުން ވަރަށް ފަހަކާ ޖެހެންދެން ގިޓާ އޮތީ އެ މަޖައްލާގެ އެޑިޓަރުގެ ހަވާލުގަ އެވެ.

އަންނަ ނޮވެމްބަރު މަހުގެ 22-20 އަށް ބާއްވާ ނީލަމުގައި އެ ގިޓާ ވިއްކާލުމުގެ ކުރިން އެމެރިކާއާއި ޔޫރަޕްގެ ބައެއް ދާރުލް އާސާރުތަކުގައި އެ ގިޓާ ދައްކާލަން ބެހެއްޓޭނެ އެވެ.