ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފުވައްމުލަކު ސިޓީއަށް 120 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު، އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރެ ވެހުނީ ފުވައްމުލަކަށެވެ. އެގޮތުން އެ ސިޓީއަށް 120 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރިކޯޑްކުރެވިފައިވެ އެވެ.
ދެން އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީ ގަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގަމަށް ވަނީ 70 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ލ. ކައްދޫ އަށެވެ. އެއީ ގާތްގަނޑަކަށް 60 މިލިމީޓަރުގެ ވާރޭ އެވެ.
ފުވައްމުލަކާއި އައްޑޫ ސިޓީގެ ބައެއް ސަރަހައްދު ތަކުގައި ފެން ބޮޑުވެ، އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފަ އެވެ. އެ ގޮތުން ފުވައްމުލަކު ތައުލީމީ މަރުކަޒުގެ ގޯތި ތެރޭގައި ފެންބޮޑުވެ ކްލާސް ރޫމުތަކަށް ފެން ވަދެފައިވާތީ ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން މިއަދު ކުރި އެވެ.
މެޓް އޮފީހުން މިހަފްތާގައި ވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާތީ ހުކުރު ދުވަހާ ހަމައަށް މޫސުމަށް ސަމާލުވުމަށް އިލްތިމާކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ކަނޑުތައް ގަދަވެ، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑު ގަޑިތަކުގައި އުދައިގެ އަސަރުކޮށްފާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.