ޖަޕާންގެ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށްވާ ޓަކާޝީ އޮޑަވާރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފި އެވެ.

މާޒިޔާ އިން ބުނީ ޓަކާޝީ އެ ކްލަބަށް ސޮއިކުރީ މި ސީޒަންގެ ނިޔަލަށް ކަމަށެވެ. އަދި އޭނާ ގެނައީ މި އަހަރުގެ އޭއެފްސީ ކަޕަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކަމަށެވެ.

ޓަކާޝީ ،28،ގެ ސީނިއަރ ކެރިއަރު ހޭދަކޮށްފައިވަނީ ފިލިޕީންސް ލީގުގަ އެވެ. މިހާރު މާޒިޔާގެ ކޯޗަކަށް ހުރި ސާބިއާގެ ރިސްޓޯ ވިޑަކޮވިޗްގެ އިރުޝާދުގެ ދަށުން ޓަކާޝީ ވަނީ ފިލިޕީންސްގެ ސެރެސް އަށް ކުޅެ، ބޮޑެތި ކާމިޔާބީތަކެއް ހޯދައިފ އެވެ. އޭއެފްސީ ކަޕް އަދި އޭއެފްސީ ޗެމްޕިއަންސް ލީގުގައި ވެސް ކުޅެ، ޓަކާޝީ ވަނީ ގިނަ ތަޖުރިބާތަކެއް ހޯދައިފަ އެވެ.

ޖަޕާންގެ ޓޯކިއޯ ޔުނިވާސިޓީ ޓީމުގެ ޔޫތު ޓީމުން ކެރިއަރު ފެށި ޓަކާޝީ ވަނީ ސެރެސްގެ އިތުރުން، ފިލިޕީންސްގެ ޖޭޕީވީ މަރިކިނާ އާއި ޑަވާއޯ އަގުއިލަސް އަށް ކުޅެފަ އެވެ. ޓަކާޝީ އަކީ މިޑްފީލްޑްގެ އިތުރުން، ޑިފެންސަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ.

މި އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި މާޒިއާ ހިމެނޭ ގުރޫޕްގެ މެޗުތައް ކުޅޭނީ މާލޭގަ އެވެ. މާޒިޔާއާއެކު މި ގުރޫޕްގައި ދެން ވާދަކުރާނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ޕްލޭއޮފުން ގުރޫޕް ސްޓޭޖަށް ކޮލިފައިވާ ޓީމެވެ. ޕްލޭއޮފްގެ ޖާގައަކަށް ރާއްޖޭގެ ކްލަބް އީގަލްސް ވެސް ވާދަކުރާނެ އެވެ.