ދާދިފަހުން ނެށުމުގެ ހަރަކާތްތަކުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އާމިނަތު ޒާރާ އާއި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު ކައިވެނި ބައްލައިގެންފި އެވެ.

ސިޔާމާއި ޒާރާގެ ކައިވެނީގެ ހަފުލާ އޮތީ ސިޔާމް ހިންގާ ކ. އޮޅުވެލި ރިސޯޓްގަ އެވެ. މި ހަފްލާއަށް އެ ރިސޯޓް ވަނީ ވަރަށް ޒީނަތްތެރިކޮށްފަ އެވެ. ޒާރާގެ މޭކަޕްކޮށްދިނީ ނަދާ ސެލޫންގެ ބިއުޓީޝަނުން އެ ރިސޯޓަށް ގޮސްގެންނެވެ.

ކައިވެނީގެ ހަފްލާގައި ދެ ފަރާތުގެ އާއިލާއިން ވެސް ބައިވެރިވި އެވެ. ކައިވެނީގެ ކުރިން އިއްޔެ ބޭއްވި ރަން ކިޔުމުގެ ހަފްލާގައި ޒާރާ ވަނީ ސިޔާމަށް ލަވައެއް ކިޔައިދީފަ އެވެ.

ޒާރާ އިންއިރު ސިޔާމްގެ އުމުރަކީ 55 އަހަރެވެ. އަދި ޒާރާގެ އުމުރަކީ 23 އަހަރެވެ. މީގެ ކުރިން އަޑު އަރާފައި އޮތީ ކައިވެނީގެ ރަނަކީ ކަމަދޫގައި ދެ ގެސްޓްހައުސް އަޅައިދިނުމަށެވެ. ނަމަވެސް ޒާރާ ރަންކީ 2024 ރ. އަށެވެ. އިސްލާމްދީނުގައިވާ ގޮތުން ކައިވެނިކުރުމުގެ ކުރިން ކައިވެނީގެ ރަން ހަވާލުކުރަންޖެހެ އެވެ.

ޒާރާގެ އުފަން ރަށް ކަމަށްވާ ބ. ކަމަދޫގައި މި ހަފްތާ ބަންދުގައި ހާއްސަ ހަފްލާއެއް ބާއްވަން ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމް ޒާރާއާ ކައިވެނި ބައްލަވައިގަތީ ދެއަންބަށެވެ. މޮރޮކޯއަށް ނިސްބަތްވާ ސިޔާމްގެ އަނބިކަނބަލުންނަށް ދާދިފަހުން ވަނީ އެއްމާބަނޑު ދެ ކުދިން ލިބިފަ އެވެ.