ބޮލީވުޑްގެ އަރަމުން އަންނަ ތަރި ޝްރައްދާ ކަޕޫރުގެ ޒާތީ ހަޔާތަކީ މީޑިއާއަށް ވަރަށް ފޮރުވައިގެން އުޅޭ ކަމެކެވެ. އަދިތުޔާ ރޯއީ ކަޕޫރުއާއި ރާހުލް މޯދީ ފަދަ ތަރިންނާއެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުތައް އެރި ނަމަވެސް މިހާތަނަށް އެ އަޑުތަކަށް އޭނާ ޖަވާބު ދީފައެއް ނުވެ އެވެ.

އެހެން ނަމަވެސް ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝްރައްދާ ވަނީ މީހަކާ ގުޅިގެން އުޅޭކަން އެންމެ ފަހުން ޔަގީން ކޮށްދީފަ އެވެ.

ކޮސްމޯޕޮލިޓަންއަށް ދިން އެ އިންޓަވިއުގައި ޝްރައްދާ ބުނީ އޭނާގެ ބައިވެރިޔާއާއެކު ވަގުތު ހޭދަކުރަން ލޯބިކުރާ ކަމަށާއި އޭނާއާ ބައްދަލު ނުވެއްޖެނަމަ ދުވަހުގެ މޫޑު ގޯސްވާ ކަމަށެވެ.

"އެކުގައި ފިލްމެއް ބަލާލުން، ދަތުރު ކުރުން، ރޭގަނޑުގެ ކެއުމަކަށް ދިއުން ނުވަތަ ރައްޓެހިންނާއެކު ވަގުތު ހޭދަ ކުރުމަކީ ވެސް އަހަރެން އޭނާއާއެކު ކުރާ ކަންތައްތައް،" ޝްރައްދާ ބުންޏެވެ.

ކައިވެންޏާ ބެހޭގޮތުން ސުވާލު ކުރެވުމުން ޝްރައްދާ ބުނީ ސުވާލަކީ ކައިވެންޏަކީ ގަބޫލުކުރާ ކަމެއްތޯ ނޫން ކަމަށާއި ސުވާލަކަށް ވާންވާނީ އެއީ ރަނގަޅު ބައިވެރިޔާތޯ ކަމަށެވެ.

ޝްރައްދާ ލޯބީގެ ގުޅުމެއްގައި އުޅޭކަން ޔަގީން ކޮށްދިން ނަމަވެސް އޭނާގެ ބައިވެރިޔާއަކީ ކާކު ކަމެއް އެ އިންޓަވިއުގައި ހާމަކޮށްފައެއް ނުވެ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނުނީ "ސްޓްރީ 2" އިންނެވެ. އެ ފިލްމަށް އަންނަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ.