މި ކުޑަކުޑަ ދިވެހި ރާއްޖޭގައި ވެސް ޒަވާޖީ ހަޔާތް ރޫޅި ވަރިވާ ދެމަފިރިންގެ އަދަދު އަންނަނީ ކަންބޮޑުވާ މިންވަރަށް އިތުރު ވަމުންނެވެ. އެކުގައި އުމުރަށް އުޅެން ބުނެ ޖަހާ ކައިވެނީގެ ގޮށް މޮހެނީ ދާދި ފަސޭހައިންނެވެ.
އެހެން ނަމަވެސް ސުވާލަކީ މިއީ އޮތް ހަމައެކަނި މަގުތޯ ކުރެވޭ ސުވާލެވެ. އިންތިހާ ލޯބިން ކައިވެނިކުރާ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ ވަރިތޯ ކުރެވޭ ސުވާލެވެ.
މިއީ ބަހުސް ކުރެވެން އޮތް މައުޟޫއެއް ނަމަވެސް މިކަމުގައި މާހިރުންގެ ޚިޔާލު ވަރަށް ސާފެވެ. ވަރިއަކީ އެންމެ ފަހުގެ މަންޒިލް ނަމަވެސް ދެމަފިރިންގެ މައްސަލަތައް ހައްލުކުރަން ކުރެވިދާނެ އެތައް ކަމެއް ވާ ކަމެވެ.
ދުބާއީގައި މަސައްކަތްކުރާ ނަފްސާނީ ޑޮކްޓަރެއް ކަމަށްވާ ޑރ، މައިރްނާ ޗާވްބާ މިވަނީ ވަރިއާ ހަމައަށް ދިއުމުގެ ކުރިން ކައިވެނީގެ މައްސަލަތައް ހައްލުކުރެވޭނެ ބައެއް ގޮތްތައް ކިޔައިދީފަ އެވެ.
އެގޮތުން ކުރެވިދާނެ އެއް ކަމަކީ ކައިވެނީގެ މަަތީގައި ހުރެ ކުޑަ ދުވަސްކޮޅަކަށް އެކެކު އަނެކަކާ ދުރުވެ ވަކިން ދިރިއުޅުމެވެ. މގޮތުގެ މަތިން ދެ މީހުން ވެސް އަމިއްލަ ނަފްސަށް ވަގުތު ދެވި ގުޅުމާ މެދު އާ ނަޒަރަކުން ވިސްނަން ފުރުސަތު ލިބޭނެ އެވެ.
އެއާއެކު ތަޖުރިބާކާރު މެރިއޭޖް ކައުންސިލަރެއްގެ އެހީ ހޯދުމަށް ވެސް މައިރްނާ ބާރު އަޅުއްވަ އެވެ. ސަބަބަކީ އަމިއްލައަށް ނަގައިގަންނަން އުނދަގޫ އެތައް ކަމެއް މާހިރެއްގެ އެހީގައި ނަގައިގަނެވޭނެތީ އެވެ.
މިއީ އާއްމު ގޮތެއްގައި ލަދުވެތި ކަމެއްގެ ގޮތުގައި ބެލެވިފައި އޮންނަ ކަމެއް ނަމަވެސް އެކަމުގައި ލަދުގަންނަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި އެކަމުން އަންގައިދެނީ ގުޅުން ރަނގަޅު ކުރަން މަސައްކަތްކުރަން ބޭނުންވާކަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ބައެއް ހާލަތްތަކުގައި އެންމެ ރަނގަޅު ގޮތަކީ ރީތި ގޮތުގައި ދުރުވުން ކަމަށާއި އެއީ ކުރިން މިދެންނެވި ކަންކަމަށްފަހު އޮތް އެންމެ ފަހު ހައްލު ކަމަށް މައިރްނާ ފާހަގަކުރެއްވި އެވެ.
ވަރިއަކީ އިސްލާމް ދީނުގައި ވެސް ހުއްދަ ކުރައްވާފައިވާ ކަމެއް ނަމަވެސް މަކްރޫހަކަން ގަދަ ކަމެކެވެ. ކައިވެންޏަކީ އަހަރުމެންގެ ދީނުގައި ހާއްސަ ގަދަރެއް ދެވިފައިވާ ގުޅުމަކަށްވާއިރު އެ ގުޅުން ހެޔޮ ގޮތުގައި ދެމެހެއްޓުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް އޮތް މަގެކެވެ.