ދުނިޔޭގެ ހުރިހާ މުސްލިމުންގެ ލޯތައް އެ ތަނަކަށް ހުއްޓިފައިވާ ފަލަސްތީނުގެ ޣައްޒާގެ ތާރީޚު ދައްކުވައިދޭ މައުރަޒެއް ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށް އެބަދެ އެވެ.

މި މައުރަޒުގައި ހަނގުރާމައިގެ ސަބަބުން ފަނާވަމުން އަންނަ ޣައްޒާގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ އާޓިފެކްޓްސް ދައްކާލަން ބަހައްޓާފައި އެބަ ހުއްޓެވެ.

އޭގެ ތެރޭގައި އިހުޒަމާނުގައި ޣައްޒާގައި ބޭނުން ކުރެވުނު މުށީގެ ވާސްތަކާއި ފާނޫޒުތަކުގެ އިތުރުން ވެސް އެ ސަރަހައްދުގެ ސަގާފަތާ ގުޅުންހުރި ސްޓެޗޫތައް ހިމެނެ އެވެ.

މިތަކެއްޗަކީ 2007 ވަނަ އަހަރުން ފެށިގެން ޖެނީވާއަށް ގެނެވި އެސިޓީގެ ދާރުލްއާސާރުގައި ރައްކާ ކުރެވިފައިވާ 530 އަށްވުރެ ގިނަ އާޓިފެކްޓްސްގެ ތެރެއިން ބައެއް ތަކެއްޗެވެ.

ޣައްޒާއަށް ނިސްބަތްވާ ތަކެތީގެ އިތުރުން އެ މައުރަޒުގައި މެދުއިރުމަތީގެ އެހެން ގައުމުތަކެއް ކަމަށްވާ ސޫދާން، ލީބިޔާ އަދި ސީރިއާގެ ބައެއް ދައްކާލުންތައް ވެސް ހުރެ އެވެ.

ޖެނީވާގެ މިއުޒިއަމް އޮފް އާޓްސް އެންޑް ހިސްޓްރީއިން އިންތިޒާމު ކޮށްގެން "ޕެޓްރިމަނީ އޮފް ޕެރިލް"ގެ ނަމުގައި ކުރިއަށް ގެންދާ މި މައުރަޒަކީ ޣައްޒާގެ ސަގާފީ ރޫހު ދައްކުވައިދޭ މައުރަޒެއް ކަމަށް އެ ފަރާތުން ބުނެ އެވެ.

މިދިޔަ އަހަރު ޖެނީވާގެ މިއުޒިއަމް އޮފް އާޓްސް އެންޑް ހިސްޓްރީއިން ވަނީ ހަނގުރާމައިގެ އަސަރު ކޮށްފައިވާ ޔޫކްރެއިންގެ ސަގާފަތާއި ތާރީހު ދައްކުވައިދޭ މައުރަޒެއް ވެސް ބާއްވާފަ އެވެ.