ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީ ގެ ކައިވެނި ރޫޅިފައިވާ ކަމަށް އަޑު ފެތުރެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
އެކަމުގެ ޔަގީންކަން އެ ދެމީހުންކުރެ އެކަކުވެސް ދީފައި ނުވާއިރު މިފަހަކަށް އައިސް ދެ މީހުން އެކުގައި ފެނުން ވަނީ މަދުވެފަ އެވެ. އެއާއެކު އައިޝްވާރްޔާ މިހާރު ދިރިއުޅެނީ ވެސް ވަކިންނެވެ. ކަން މިހެން އޮއްވައި އެ ދެމީހުންނާ ގުޅޭ އެހެން ވާހަކައެއް ވެސް މިހާރު ވަނީ ފެންމަތިވެފަ އެވެ. އެއީ އެ ދެމީހުންގެ މެދުގައި މައްސަލަ ޖެހުނީ އަބީޝޭކްގެ މަންމަ ޖާޔާގެ ސަބަބުން ކަމަށް ބުނާ ވާހަކަ އެކެވެ.
މީގެ އަހަރުތަކެއް ކުރިން ކޮފީ ވިތު ކަރަންއަށް ދިން އިންޓަވިއުއެއްގައި އޭނާ އެންމެ ބިރުގަންނަނީ އަންހެނުން ދެކެ ތޯ ނުވަތަ މަންމަ ދެކެތޯ ސުވާލު ކުރެވެމުން އޭނާ ބުނެފައިވަނީ މަންމަ އެވެ.
އެހެން ނަމަވެސް އެ ޝޯގައި އޭނާއާއެކު ބައިވެރިވި އޭނާގެ ދައްތަ ޝްވެތާ ބުނީ އަބީޝޭކް އޭނާގެ އަންހެނުން އައިޝްވާރްޔާ ދެކެ މާ ބިރުގަންނަ ކަމަށެވެ.
މީގެ އިތުރުން ވެސް މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަބީޝޭކް ވަނީ މަންމައާ އަންހެނުންނާ ދެމެދު "ތާށިވާ" ކަމަށް ވެސް ބުނެފަ އެވެ.
މިހުރިހާ ކަންކަމަށް ބަލާއިރު އަބީޝޭކްއާއި އައިޝްވާރްޔާގެ ގުޅުމާމެދު ޖާޔާ ހިތްހަމަ ނުޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ޖާޔާއަކީ އަބަދުވެސް ރުޅިގަދަ މީހެއްގެ ގޮތުގައި މީޑިއާއަށް ފެނިފައިވާ ތަރިއަކަށްވާއިރު އާއިލާ ތެރޭގައި ވެސް އޭނާގެ މިޒާޖު ހުންނަނީ އެހެން ކަމަށް ބުނެވެ އެވެ.