އިންޑިއާގެ ސެންޓްރަލް ބޯޑް އެފް ފިލްމް ސެޓިފިކޭޝަން (ސެންސަރު ބޯޑުން) ރުހުން ނުދީގެން ރިލީޒް ނުކުރެވިފައި އޮތް ކަންގަނާ ރަނޯޯޓްގެ ފިލްމު "އެމަޖެންސީ"އަށް އެންމެ ފަހުން އެ ބޯޑުން ރުހުން ދީފި އެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ސިޔާސީ ހަޔާތް ދައްކުވައިދޭ އެ ފިލްމުގެ ރިލީޒް ހުއްޓުވާފައިވަނީ އެ ފިލްމުގައި ހަގީގަތާ ހިލާފު މުޖުތަމައުގައި ދެބަސްވުންތައް އުފެދޭނެ ބައެއް ކަންކަން ހިމެނޭ ކަމަށް ބުނެ އެވެ.

އެހެން ކަމުން އެ ފިލްމަށް ސެންސަރު ބޯޑުގެ ސެޓްފިކެޓް ލިބިފައިވަނީ ބައެއް އުނިއިތުރުތައް ގެންނަން އެއްބަސްވުމުން ކަމަށް ހަބަރުތައް ބުނެ އެވެ.

"އެމަޖެންސީ"އަށް ސެންސަރު ބޯޑުގެ އާނބަސް ލިބުނުކަން ޔަގީން ކޮށްދެމުން ސޯޝަލް މީޑިއާގައި ކަންގަނާ އާއްމުކުރި ޕޯސްޓުގައި ބުނެފައިވަނީ އެ ފިލްމު ރިލީޒް ކުރާނެ ދުވަސް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

1975 ން 1977 އަށް އިންޑިއާގައި އިއުލާން ކުރެވުނު ކުއްލި ހާލަތުގައި ދާޚލީ މަޝްރަހު ހަލަބޮލިވިއިރު ސަރުކާރުގެ އެންމެ އިސް ފަރާތަކަށް ހުރީ އިންދިރާ ގާންދީ އެވެ.

މީގެ ކުރިން ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައި އޮތް އިމަޖެންސީއަކީ "މަނިކަރްނިކާ" އަށްފަހު ކަންގަނާ އަމިއްލައަށް ޑައިރެކްޓް ކޮށްފައިވާ އޭނާގެ ދެވަނަ ފިލްމެވެ.