މި ހަފްތާގައި މުނިފޫހި ފިލުވުމުގެ ދާއިރާއިން ގިނަ ބަޔަކު ސިއްސުވާލި އެއް ހަބަރަކީ މަޝްހޫރު ޕޮޕް ބޭންޑް "ވަން ޑިރެކްޝަން"ގެ ކުރީގެ މެމްބަރު ލިއަމް ޕޭން މަރުވި ހަބަރެވެ.

އާޖެންޓީނާގެ ހޮޓަލެއްގެ ބެލްކަނިން ވެއްޓި ލިއަމް މަރުވިއިރު އެކަމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެގައުމުގެ ފުލުހުން ވަނީ އެހާދިސާގެ ތަހުގީގުތައް އިތުރަށް ކުރަން ފަށާފަ އެވެ.

އެގޮތުން ލިއަމް މަރުވީ ބެލްކަނިން ވެއްޓިގެންތޯ ނުވަތަ އަމިއްލައަށް މަރުވުމުގެ ގަސްދުގައި ފުންމާލައިގެންތޯ ކުރެވޭ ސުވާލަށް އަދި އެއްވެސް ޖަވާބެއް ނުލިބެ އެވެ.

އެހެން ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި މަރުވުމުގެ ކުރިން ލިއަމް އޭނާގެ އެންމެ ފަހު ދުވަސްތައް ހޭދަކުރީ ވަރަށް ހިތްދަތިކަމުގަ އެވެ.

ޒާތީ ދިރިއުޅުމުގައި ގިނަ އަޑިގަނޑުތަކެއް ކުރިމަތިވެ ލިއަމްވަނީ މިފަހަކަށް އައިސް ދިރިއުޅުމާ ބެހޭގޮތުން ހިތާމަވެރި ޕޯސްޓުތަކެއް އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓު ކޮށްފަ އެވެ.

އޭގެ އިތުރުން ވެސް މަރުވުމުގެ ދެ ދުވަހެއް ކުރިން އޭނާ ވަނީ އެމެރިކާގެ ޔަތީމުޚާނާއަކަށް ބޮޑު އަދަދަކުން ފައިސާ ވެސް ހަދިޔާ ކޮށްފަ އެވެ.

ލިއަމްގެ ގާތް ފަރާތަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި ފަހަކަށް އައިސް ދިރިއުޅުމުގެ ކަންކަމާމެދު ފިކުރުކޮށް ޑިޕްރެޝަންގެ ޝިކާރައަކަށް ވެސް އޭނާ ވެފައިވާ ކަމަށެވެ.

ލިއަމްގެ މަރާއެކު ވަން ޑިރެކްޝަންއާއި އެ ބޭންޑުގެ ވަކިވަކި މެމްބަރުން ވެސް ވަނީ ސޯޝަލް މީޑިއާއަށް ބަޔާންތައް ދޫކޮށްލާފަ އެވެ.

މެމްބަރުންގެ ސޯލޯ މިއުޒިކަށް ފޯކަސް ކުރުމުގެ ގޮތުން ވަން ޑިރެކްޝަން ނިމުމަކަށް ގެނައީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން އެ ބޭންޑަކީ މުޅި ދުނިޔޭގައި ވެސް މަޝްހޫރުކަން ހޯދި ބޭންޑެކެވެ.