ރާއްޖެ ނޫނަސް ދުނިޔޭގެ ކޮންމެ ގައުމަކަށް ބެލި ނަމަވެސް މަޝްހޫރު މީހުންގެ ޒާތީ ދިރިއުޅުމާ ގުޅޭ ކަންކަން ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އަރަ އެވެ. ވިޔަފާރިވެރިން ފިލްމީ ތަރިންގެ ވާހަކަތަކަށް ގިނަ ބަޔަކު އަބަދުވެސް ޝައުގުވެރިވެ އެވެ.

ދާދި ފަހުން ރާއްޖޭގައި ވެސް ވަނީ އެފަދަ ކަމެއް ހިނގައިފަ އެވެ. މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ކުރެއްވި ކައިވެނީގެ ޚަބަރުތަކަށް މީޑިއާގެ ސަމާލުކަން ލިބުނެވެ. ގިނަ ބަޔަކު ވަނީ ޝައުގުވެރިކަމާ އެކު އެ ޚަބަރުތައް ކިޔައިފަ އެވެ. އޭގެ ކުރިން، ރާއްޖޭގެ މަހުޖަނު ގާސިމް އިބްރާހިމް ކުރެއްވި ކައިވެންޏަށް ވެސް މީޑިއާތަކާއި އާއްމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ޒާރާ އާއި ސިޔާމް ކައިވެނި ހަފްލާ ބާއްވާފައިވަނީ ކ.އޮޅުވެލީގައި

ގާސިމް އާއި ސިޔާމް އަކީ ވެސް ރާއްޖޭގައި ވަރުގަދަ ސިޔާސީ ދެ ލީޑަރުންނެވެ. ދެ ބޭފުޅުންނަކީ ވެސް މިހާރު ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ދުވަސްވީ ދެ މެންބަރުންނެވެ. ގާސިމް އާއި ސިޔާމް ވެސް ވަނީ ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވައި އަމަލީ ގޮތުން އެ މަސައްކަތް ކުރައްވައިފަ އެވެ. ތައުލީމީ ގޮތުން ބަލައިފި ނަމަ ދެ ބޭފުޅުންނަކީ މާ މައްޗަށް އިލްމު ހާސިލް ކުރައްވައި ސެޓްފިކެޓް ހޯއްދަވާފައިވާ ބޭފުޅުންނެއް ނޫނެވެ. ދެ ބޭފުޅުން ވެސް ނިސްބަތް ވަނީ އަތޮޅުތަކަށެވެ.

ތިރީގައި މި ވަނީ މި ދެ މަހުޖަނުންގެ ފަހުގެ ކައިވެންޏާއި ދެ ބޭފުޅުންގެ އެއްގޮތް ބައެއް ކަން ކަމަށެެވެ.

  • ގާސިމް އިބްރާހިމް އުމުރުފުޅުން 70 އަހަރުގައި ފަހުގެ ކައިވެނި ކުރެއްވީ 21 އަހަރުގެ ޒުވާނަކާ. ސިޔާމް އުމުރުފުޅުން 55 އަހަރުގައި ފަހުގެ ކައިވެނި ކުރެއްވި އުމުރުން 23 އަހަރުގެ ޒުވާނަކާ.
  • ގާސިމް އަކީ ސިޔާސީ ޕާޓީއެއްގެ ލީޑަރު، ސިޔާމަކީ ވެސް ސިޔާސީ ޕާޓީއެއްގެ ލީޑަރު
  • ގާސިމް އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް. ސިޔާމަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް.
  • ގާސިމް ވަނީ މަޖިލީހުގެ ރައީސްކަން ކުރައްވާފައި. ސިޔާމް ވެސް ވަނީ ވަގުތީ ގޮތުން ނަމަވެސް މަޖިލިސްގެ ރައީސްކަން ކުރައްވާފައި.
  • ގާސިމް އަކީ ރާއްޖޭގެ ބޮޑު ވިޔަފާރިވެރިއެއް، ރިސޯޓް އޯނަރެއް. ސިޔާމަކީ ވެސް ބޮޑު ވިޔަފާރިވެރިއެއް، ރިސޯޓް އޯނަރެއް.
  • ގާސިމް އަކީ އިޖްތިމާއީ، ސިއްހީ އަދި ތައުލީމީ ގޮތުން އެހީ ފޯރުކޮށްދެއްވުމަށް ވިލާ ފައުންޑޭޝަން ހިންގަވާ ބޭފުޅެއް، ސިޔާމަކީ ވެސް އިޖްތިމާއީ، ސިއްހީ އަދި ތައުލީމީ ގޮތުން އެހީ ފޯރުކޮށްދެއްވުމަށް ސަން ފައުންޑޭޝަން ހިންގަވާ ބޭފުޅެއް.
  • ގާސިމް އަކީ މީޑިއާއެއް (ވީޓީވީ) ހިންގަވާ ބޭފުޅެއް. ސިޔާމަކީ މީޑިއާއެއް (ސަން ޓީވީ) ހިންގަވާ ބޭފުޅެއް.
  • ގާސިމް ވެސް އެއް އަނތްބަށް ވުރެ ގިނަ ބޭފުޅުން ތިއްބަވާ، ސިޔާމް ވެސް އެއް އަނތްބަަށް ވުރެ ގިނަ ބޭފުޅުން ތިއްބަވާ.
ގާސިމްގެ ހަގު އަނބިކަނބަލުން ރާނިޔާ އަހުމަދު ކެމްޕޭނުގައި..