2022 ވަނަ އަހަރުގެ ޖެނުއަރީ މަހަށްފަހު ރާ ބުއިން ހުއްޓާލަން ނިންމި ސަބަބު ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޮލޭންޑް މީޑިއާއަށް ބުނެދީފި އެވެ.

އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ހުޅަނގުގެ ގިނަ ބަޔަކު ފާހަގަކުރާ "ޑްރައި ޖެނުއަރީ"އަކީ އާއްމުކޮށް ރާ ބޮއިއުޅޭ މީހުން އެކަމުން ދުރުވެ ތިބޭ މަހެކެވެ.

ޓޮމް ބުނީ 2022 ވަނަ އަހަރު ޑްރައި ޖެނުއަރީގައި ބައިވެރިވެ ރާ ބުއިމާ ދުރުވުމުން އޭނާއަށް ކުރިމަތިވި އުނދަގޫތަކުގެ ސަބަބުން ބިރުގަތް ކަމަށެވެ.

އެހެން ކަމުން ޖެހިގެން އައި ފެބްރުއަރީ މަހުވެސް އެގޮތުގައި ދެމިހުރީ ކަމަށާއި އުނދަގޫތަކެއް ހުރި ނަމަވެސް ޖޫން މަހުގެ 01 ވަނަ ދުވަހު ފާހަގަކުރާ އޭނާގެ އުފަންދުވަސް އަންނަންދެން ރަލުން އެއްކިބާވެ ހުރުމަށް ނިންމި ކަމަށެވެ.

އުމުރުން 28 އަހަރުގެ ޓޮމް ބުނީ އޭނާ ސާބިތުކުރަން ބޭނުންވީ އޭނާއަކީ ރަލަށް ދެވި ހިފާފައި ހުރި މީހެއް ނޫން ކަމަށާއި ޒުވާންކަމުގެ ޖޯޝުގައި ރާ ބޭނުން ކުރަނީ ކަން ކަމަށެވެ.

އެހެން ނަމަވެސް ހަމަސް ފުރިހަމަވިއިރު އޭނާގެ ހަޔާތަށް އައި ހެޔޮ ބަދަލުތައް ފާހަގަވާން ފެށި ކަމަށާއި އެހެން ކަމުން ދެން އަނބުރާ ރަލުގެ ވަބާއަށް ދާން ބޭނުންނުވީ ކަމަށް ވެސް ޓޮމް ބުންޏެވެ.

"އަހަންނަށް ރަނގަޅަށް ނިދެން ފެށި. މަސައްކަތަށް ފަރުވާތެރިކަމާއެކު ވަގުތު ދެވެން ފެށި. އާއިލާއާއި ބައިވެރިޔާއާއެކު އޮތް ގުޅުން ވެސް ވަރަށް ބޮޑުތަން ރަނގަޅުވި" ޓޮމް ބުންޏެވެ.

ޓޮމްގެ އެ ނިންމުމުގެ ފަހަތުގައި އޭނާގެ ޑޮކްޓަރު ދިން އިންޒާރެއް ވެސްވާ ކަމަށް ޓޮމް ބުނެ އެވެ. އެގޮތުން އޭނާގެ ފުރަމޭގެ ސިއްހަތު ނުރައްކަލަށް ހުށައެޅިފައިވާ ކަމަށް ޑޮކްޓަރު ބުނި ކަމަށްވެ އެވެ.

މިހާރު ޓޮމް އަކީ އަހަރަކަށްވުރެ ގިނަ ދުވަހު ރަލުގެ ވަބާއާ ދުރުގައި ހުރި އެކްޓަރެކެވެ. އޭނާ ބުނާ ގޮތުގައި ރަލާ ދުރުވި ފަހުން އޭނާގެ ދިރިއުޅުމަކީ އެންމެ ފުރިހަމަ ދިރިއުޅުމެވެ.