ސީރިއާގެ ޤައުމީ ޓީމުގެ ގޯލްކީޕަރެއް ކަމަށްވާ މަހްމޫދު އަލް ޔޫސެފް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފި އެވެ.

މަހްމޫދު ވަނީ 2017 ވަނަ އަހަރު މާޒިޔާ އަށް ކުޅެފަ އެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ޔުނައިޓަޑް ވިކްޓަރީ އަދި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ.

މާޒިޔާ އިން ބުނީ މަހްމޫދު އެ ޓީމާ ގުޅުނީ މި ސީޒަންގެ ނިޔަލަށެވެ. މަހްމޫދު އެންމެ ފަހުން ކުޅުނީ ސައުދީ އަރަބިއްޔާގެ ފުރަތަމަ ޑިވިޝަންގަ އެވެ.

މި ސީޒަންގައި މިހާތަނަށް މާޒިޔާގެ ގޯލް ބެލެހެއްޓީ ސާބިއާގެ ގޯލްކީޕަރު ނިކޮލާ ވުޖާނަކެވެ. އެކަމަކު ނިކޮލާ އާއި ސާބިއާގެ ޑިފެންޑަރު ޕީޓާ ޕްލަނިޗް ދޫކޮށްލާފައިވާ ކަމަށް މާޒިޔާ އިން ބުނެ އެވެ.

އޭއެފްސީ ކަޕަށް އަމާޒުކޮށް މާޒިޔާ އިން ވަނީ ޖަޕާންގެ މިޑްފީލްޑަރެއް ގެނެސްފަ އެވެ. އަދި އިތުރު ބިދޭސީ ކުޅުންތެރިއެއް ޓީމުން ފެނިދާނެ ކަމަށް އެ ކްލަބުން ބުނެ އެވެ.