އެމެރިކާގެ މޮޑެލް އަދި އިންފްލުއެންސަރު ހެއިލީ ބީބާއަކީ މަޝްހޫރު ބްރޭންޑް ވިކްޓޯރިއާ ސީކްރެޓްގެ އެންމެ މަގުބޫލު އެއް މޮޑެލް އެވެ.
އެހެން ނަމަވެސް މިފަހުން އޮތް އެ ބްރޭންޑްގެ ރަންވޭ ޝޯގައި ހެއިލީ ފެނިގެން ނުދިއުމުން ގިނަ ބައެއްގެ ހިތުގައި ސުވާލުތައް އުފެދުނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ވިކްޓޯރިއާ ސީކްރެޓްގެ ޓޮޕް މޮޑެލްއެއްގެ ގޮތުގައި ހުރެވެސް އެ ބްރޭންޑްގެ ޝޯ އޭނާ ދޫކޮށްލީ ގިނަ ސަބަބުތަކަކާ ހެދި އެވެ.
އެގޮތުން އެންމެ ބޮޑު އެއް ސަބަބަކީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ހެއިލީ އޭނާގެ އަލަތު ދަރިފުޅު ވިހާފައި ވުމެވެ. ހަބަރުތައް ބުނާ ގޮތުގައި ހެއިލީ އަންނަނީ އޭނާގެ ހުރިހާ ވަގުތެއް ދަރިފުޅު ޖެކް ބްލޫ ބީބާއަށް ހުސް ކުރަމުންނެވެ.
އެއާއެކު ހޮލީވުޑްގެ ތަރި ޑިޑީ ކޯމްބްސްގެ ގާނޫނީ މައްސަލައެއް ކުރިއަށްދާ މި ދަނޑިވަޅުގައި ހެއިލީގެ ފިރިމީހާ ޖަސްޓިން ބީބާއާއި ޑިޑީގެ މެދުގައި އޮތް ގުޅުން ފެންމަތި ވެފައިވުމުން މީޑިއާގެ ސަމާލުކަން ބޭނުން ނުވީ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
މީގެ އިތުރުން ވެސް ހެއިލީއާއި އޭނާގެ ބައްޕަ ސްޓެފަން ބެލްޑްވިންއާ ދެމެދު އޮތް ގުޅުން ހީނަރުވެފައި އޮތުމަކީ ވެސް ހެއިލީ އެ އިވެންޓް ދޫކޮށްލި އެއް ސަބަބު ކަމަށް ހަބަރުތައް ބުނެ އެވެ.
ހެއިލީއަކީ ވިކްޓޯރިއާ ސީކްރެޓްގެ އެންމެ ފަހުން އިވެންޓުން ނުފެނުނު އެ ބްރޭންޑްގެ ހަމައެކަނި މޮޑެލްއެއް ނޫނެވެ. އޭނާގެ އިތުރުން ހެއިޑީ ކްލަމް، ކާލީ ކްލޮސް އަދި ކެންޑަލް ޖެނާ ފަދަ މޮޑެލުންވެސް އެ ޝޯއިން ފެނިފައެއް ނުވެ އެވެ.