ސަރުކާރުގެ ހަރަދުތައް ދެކޮޅު ނުޖެހިގެން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓްގެ ގޮތުގައި ހުށަހަޅަނީ ސީދާ ކިހާ އަދަދެއްގެ ފައިސާކަން ދަންނަވަން އަދި ނޭނގޭ ކަމަށާއި ލަފާކުރެވޭގޮތުގައި ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ 10 ބިލިއަންއާ ހަމައަށް ދާނެހެންނެއް. އެއަށް ވުރެ އަޅުގަނޑުމެންގެ ފޯކާސްޓުތަކުން ދައްކަނީ ސްޕެންޑިން އާއި ރައީސް ފަހަކަށް އައިސް ގެންނެވި ހަރުދަނާ އިސްލާހު ތަކާ އެކު،" ޒަމީރު ވިދާޅުވި އެވެ.

މީގެއިތުރުން ޒަމީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި މާލީ ހިސާބުތަކެއް ރެކޯޑުނުކޮށް އަޕްޑޭޓް ކުރަމުން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭގޮތުން އަޅާނެ ފިޔަވަޅެއް ބެލުމަށްޓަކައި އޮޑިޓާ ޖެނެރަލްގެ ލަފައެއް ހޯދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި އޮޑިޓާ ޖެނެރަލް އެކަމާ ގުޅޭ ރިޕޯޓެއް ނެރުއްވާނެ ކަމަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓަށް ބެލުމަށްފަހު އެކަމާ ގުޅިގެން ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.