މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން"ގެ ކުރީގެ މެމްބަރު ލިއަމް ޕޭން މަރުވީ މަސްތުވާތަކެތީގެ ސަަބަބަބުން ކަމަށް އާޖެންޓީނާގެ ފުލުހުން ލަފާކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު އާޖެންޓީނާގެ ހޮޓަލެއްގެ ބެލްކަނިން ވެއްޓި ލިއަމް މަރުވިއިރު ފުލުހުންގެ އެންމެ ފުރަތަމަ ތަހުލީލުތަކުން އޭނާގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރު ފެނިފައިވާ ކަމަށް ހަަބަރުތައް ބުނެ އެވެ.

ލިއަމްގެ ހަށިގަނޑުން ފެނުނު މަސްތުވާތަކެއްޗަކީ އިންސާނާގެ ހެއަށް ގޮތްވެ "ހެލުސިނޭޝަން"އާއި "ސައިކޮޓިކް އެޓޭކް"ތަކަށް މަގުފަހިވާ ބާވަތެއް ކަމަށް ހަބަރުތައް ބުނެ އެވެ.

އެހެން ކަމުން ލިއަމް މަރުވީ މަސްތުވާތަކެތީގެ ނުފޫޒުގައި ހުރެ ބެލްކަންޏަށް ނުކުތުމުން އަރިއަޅާލައިގެން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ހަބަރާއެކު ދެން ފެންމަތިވީ ލިއަމްއަށް މަސްތުވާތަކެތި ވިއްކުމުގައި އާޖެންޓީނާގެ ބުއެނޮސް އެއިރިސް ހޮޓަލުގެ މުވައްޒަފަކު ހަރަކާތްތެރިވި ކަމަށް ބުނާ ހަބަރެކެވެ.

ލިއަމްގެ މަރަކީ ކުއްލި ހާދިސާއެއް ނޫން ކަމަށާއި އަމިއްލައަށް މަރުވުމުގެ ބޭނުމުގައި ލިއަމް އަމިއްލައަށް ބެލްކަނިން ފުންމާލީ ކަމަށް ވެސް ބުނުމުގެ ޖާގަ އެބައޮތެވެ.

އެގޮތުން މަރުވުމުގެ ކުރިން އޭނާގެ އެންމެ ފަހު ދުވަސްތަކަކީ އެކަނިވެރި، ހިތްދަތި އަދި ގޮންޖެހުންތައް ގިނަ ދުވަސްތަކެއް ކަމަށް އޭނާއާ ގާތް ފަރާތްތަކުން ބުނެ އެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު ޕޮޕް ތަރި ލިއަމްގެ މަރުގެ ހަގީގަތް ހޯދުމަށް ފުލުހުން ކުރަމުން އަންނަ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.