އިނގިރޭސި މިއުޒިކީ ދާއިރާގައި ބާއްވާ އެންމެ ޝަރަފުވެރި އެއް ހަފްލާ ކަމަށްވާ "ރޮކް އެންޑް ރޯލް ހޯލް އޮފް ފޭމް"ގެ މިއަހަރުގެ ހަފްލާ ކާމިޔާބުކަމާއެކު ބާއްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮހާއޯގެ ރޮކެޓް މޯގޭޖް ފީލްޑް ހައުސްގައި ބޭއްވި އެ ހަފްލާގައި މިއުޒިކް ދާއިރާގެ ނަން މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދިޔަ އެވެ. އެގޮތުން އެ ޝޯއިން ފެނުނު ތަރިންގެ ތެރޭގައި ޒެންޑާޔާ، ޑުއާ ލިޕާ، ޗޭރް އަދި ކެލީ ކްލާކްސަން ފަދަ މިއުޒިކް ދާއިރާގެ ފުންނާބު އުސް ތަރިން ހިމެނެ އެވެ.

މި ހަފްލާގެ ތެރެއިން ޑުއާލިޕާއާއި ޒެންޑާޔާގެ ހުށައެޅުމެއް ވެސް ފެނިގެންދިޔައިރު ޑިޒްނީ ޕްލަސްއިން ވަގުތުން ދެއްކި އެ އިވެންޓަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ އެވެ.

ހަމައެއާއެކު މި ހަފްލާގެ ތެރޭގައި މީގެ ފަސް ދުވަސް ކުރިން މަރުވި ވަން ޑިރެކްޝަންގެ ކުރީގެ މެމްބަރު ލިއަމް ޕޭންއަށް ހާއްސަ ޝަރަފެއް ވެސް އަރުވާފައިވެ އެވެ.

"ރޮކް އެންޑް ރޯލް ހޯލް އޮފް ފޭމް 2024" އަކީ މިއަހަރުގެ މިހާތަނަށް ބޭއްވުނު މުނިފޫހި ފިލުވުމުގެ އެންމެ ކުލަގަދަ ހަފްލާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.