މަޝްހޫރު މޮޑެލް އަދި އިންފްލުއެންސަރު ކައިލީ ޖެނާ އޭނާގެ ދަރިން ތަރުބިއްޔަތު ކުރުމުގައި ދައްތަ ކިމް ކާޑޭޝަންއާ އަޅާބަލާއިރު ގެންގުޅޭ ތަފާތުތައް ކިޔައިދީފި އެވެ.
ދަ އެލްސްގެ ނޮވެމްބަރު މަހުގެ މެގަޒިންއަށް މިދިޔަ ބުދަ ދުވަހު ދިން އިންޓަވިއުއެއްގައި ކައިލީ ބުނީ ދައްތަ ކިމްއާ ހިލާފަށް އޭނާގެ ދަރިންނަށް އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓް ގެންގުޅުމުގެ ހުއްދަ ނުދޭ ކަމަށެވެ.
ކުރީގެ ބައިވެރިޔާ ޓްރެވިސް ސްކޮޓްއާއެކު ދެ ކުދިން ހިއްސާކުރާ އުމުރުން 27 އަހަރުގެ ކައިލީ ވަނީ އޭނާގެ ދަރިން ވީހާވެސް ގިނަ ދުވަހަކު ސޯޝަލް މީޑިއާއާ ދުރުގައި ގެންގުޅެން ބޭނުންވާ ކަމަށެވެ.
އެގޮތުން ހަ އަހަރުގެ ސްޓޯމީއާއި ދެ އަހަރުގެ އެއިރްގެ ފޮޓޯއެއް އާއްމުވާނަމަ އާއްމުވާނީ އެމީހުންގެ މައިންބަފައިންގެ ފަރާތުން ކަމަށް ކައިލީ ބުންޏެވެ.
އެއާ ޚިލާފަށް ކައިލީގެ ދައްތަ ކިމް ކާޑޭޝަންގެ ދޮށީ ދަރިން ކަމަށްވާ 11 އަހަރުގެ ނޯތުގެ އަމިއްލަ ޓިކްޓޮކް އެކައުންޓެއް ހުންނައިރު 8 އަހަރުގެ ސެއިންޓްގެ އަމިއްލަ ޔޫޓިއުބް ޗެނަލްއެއް ހުރެ އެވެ.
އެ އިންޓަވިއުގައި ކައިލީ އިތުރަށް ބުނީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިކޮށް އުޅުމަކީ މިހާރު އޭނާއަށް ވެސް އުނދަގޫ ކަމެއް ކަމަށާއި ހުރިހާ ކަމެއް އެންމެންނަށް އަންގަން ނުޖެހޭކަން މިހާރު އެނގޭ ކަމަށެވެ.
މީގެ ކުރިން ކައިލީ ވަނީ ދެ ދަރިން ވިހެއުމަށްފަހު ޕޯސްޓް ޕާޓަމް ޑިޕްރެޝަންގެ ޝިކާރައަކަށް ވިކަމަށް އެއްބަސްވެ އޭނާގެ ތަޖުރިބާ ވެސް އަލަތު މައިންނާ ހިއްސާ ކޮށްފަ އެވެ.