ސައުދީ މީހަކު ގިނަ ކައިވެނިތަކެއް ކޮށްގެން ވެސް ހަގީގީ ލޯބިވެރިޔާ ނުލިބި މާޔޫސް ވެއްޖެ އެވެ. އުމުރުން މިހާރު 63 އަހަރު ވެފައިވާ އަބޫއަބްދުﷲ ފުރަތަމަ ކައިވެންޏެއް ކުރީ އުމުރުން އެންމެ 20 އަހަރުގައި އޭނާއަށްވުރެ ހަ އަހަރު ދޮށީ އަންހެނަކާ އެވެ. އެ ކައިވެންޏަށް ދަރިން ވެސް ލިބުނެވެ. އޭރު އޭނާ ބޭނުންވީ ދަރިންތިބި އެކައިވެނި މަތީ ދެމިހުންނާށެވެ. ނަމަވެސް ކައިވެންޏަށް ތިން އަހަރު ފުރުނު ފަހުން މައްސަލަ ޖެހެން ފެށުނެވެ. އެ ހިސާބުން ފުރަތަމަ އަނބިމީހާ އަކީ އޭނާގެ ހަގީގީ ލޯބިވެރިޔާ ނޫންކަން ވިސްނި، އެކައިވެނި ރޫޅާލި އެވެ. އަދި އެކަން އަނބިމީހާ އަށް އޭނާ އެންގި އެވެ. ފުރަތަމަ ކައިވެނި ރޫޅުމަށްފަހު ދެވަނަ ކައިވެންޏެއް އޭނާ ދެން ކުރީ އުމުރުން 23 އަހަރުގަ އެވެ. މި ކައިވެނިމަތީގައި ވެސް އޭނާއަށް މާ ގިނަ ދުވަހަކު ހިފަހައްޓައެއް ނުލެވުނެވެ. އެއަށްފަހު ހަގީގީ ލޯބިވެރިޔާ ހޯދުމަށްޓަކައި ކައިވެންޏަކަށްފަހު ކައިވެންޏެއް ކުރަމުންގޮސް 43 އަހަރު ތެރޭ 53 ކައިވެނި ކުރިކަމަށް އޭނާ ބުނެއެވެ. އެކި ކައިވެނީގައި އެކި މުއްދަތު ހޭދަކުރި އެވެ. އެންމެ ކުރު މުއްދަތެއް ހޭދަކުރި ކައިވެނީގައިވީ އެއްރޭގެ މުއްދަތެކެވެ.
އަބޫގެ ދިރިއުޅުމަށް ހަމަޖެހުން ލިބޭނީ ހަގީގީލޯބިވެރިޔާ ލިބުނު ދުވަހަކުންނެވެ. މީހާރު އުމުރުން 63 އަހަރު ވެފައިވާ އަބޫ، އެހާގިނަ ކައިވެނިން އެތައް އަނބިންނެއް ދިމާވެފައިވީ ނަމަވެސް އަދިވެސް އޭނަ އެބޭނުންވާ ހަގީގީ ލޯބިވެރިޔާ ލިބިފައެއް ނުވެ އެވެ.
އަބޫ ބުނިގޮތުގައި އޭނާ އެހާގިނަ ކައިވެނި ކުރީ މަޖަލަކަށް ނޫނެވެ. ހަމައެކަނި ހަގީގީ ލޯބި ވެރިޔާ ހޯދުމަށްޓަކަ އެވެ. އޭނާ ދެކޭ ގޮތުގައި ކޮންމެ ފިރިހެނަކު ވެސް ބޭނުންވާނީ އެކަކާއެކީ މުޅިއުމުރު ހޭދަކޮށްލުމަށެވެ. އެކަން ކުރެވޭނީ ދިރިއުޅުމުގައި ހަމަޖެހުން ވާނަމަ އެވެ. ފިރިހެނުންނަށް ޅަ އަނބިންގެ ބަދަލުގައި އުމުރުން ދޮށީ އަންބެއްގެ ފަރާތުން އެ ހިތްހަމަޖެހުން ލިބޭނެކަމަށް އޭނާއަށް ލިބިފައިވާ ގިނަ ތަޖުރިބާގެ އަލީގައި ގަބޫލުކުރެ އެވެ.