ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި 60 ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅަން އެޑްވާންސްގެ ގޮތުގައި 3.6 މިލިއަން ޑޮލަރު (55 މިލިއަން ރުފިޔާ) ނަގައިގެން އެ މަސައްކަތް ނުކޮށް ވީނުވީއެއް ނޭނގުނު އިންޑިއާގެ އިންދިރާ ކުންފުނި ފެނުނީ، ކުރީ ސަރުކާރުގެ ބާރުގަދަ އިކޮނޮމިކް މިނިސްޓަރު ފައްޔާރު އިސްމާއިލްގެ އާއިލީ ކުންފުނި ބިޒިނަސް އިމޭޖް ގްރޫޕުން ހަދަން ފަށާފައިވާ އިމާރާތެއް ނިންމަން އުޅެނިކޮށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި މެންބަރަކު ކުރި ސުވާލުގެ ޖަވާބުގައި އިހްސާން ވިދާޅުވީ ޕްރޮޖެކްޓުގެ 15 ޕަސެންޓް އެޑްވާންސްކޮށް ނެގުމަށް ފަހު އިންދިރާ ކުންފުނިން ރާއްޖޭގައި ކުރަނީ ކޮން ކަމެއްތޯ ބެލިއިރު މޫނިމާގެ ކިޔާ ގެއެއްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންގޮސް ނިންމަމުންދާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

މޫނިމާގެ އަކީ ބިގް ކުންފުނިން 2016 ވަނަ އަހަރު ބީއެމްއެލް އިން 34 މިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ހަދަމުން ދިޔަ ގެއެކެވެ. ނަމަވެސް އެ ލޯނު ނުދެއްކުމުން އެ ގެ ވިއްކާލުމަށް ސެޕްޓެމްބަރު 22 ގައި ވަނީ ސިވިލް ކޯޓުން ހުއްދަ ދީފަ އެވެ.

ބިގުގެ ހިއްސާދާރުންގެ ތެރޭގައި އެމްޑީޕީ ސަރުކާރުގެ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލް (ހަސަން ބަނޑޭ) ހިމެނެ އެވެ. ބިގުގައި ފައްޔާޒުގެ ހިއްސާ ވެސް ކުރިން އޮތެވެ. އޭނާގެ ހިއްސާ ދޫކޮށްލީ އެމްޑީޕީ އަށް 2018 ގައި ވެރިކަން ލިބުމުން ވަޒީރު ކަމަށް ވަޑައިގަތުމަށެވެ.

ގަލޮޅު މޫނިމާގޭގެ ވެރި ފަރާތް ކަމަށްވާ އަހުމަދު ޒަރީރު އެ ގެ ބޭންކުގައި ރަހުނު ކުރީ ހަސަން އިސްމާއިލް އާއި މިދިޔަ ސަރުކާރުގެ ރައީސް އޮފީހުގެ ރަސްމީ ފޮޓޯގްރާފަރު މުންޝިދު މުހައްމަދު (މުންޗު) ގެރެންޓީ ދިނުމުންނެވެ.

ފަސްދޮޅަސް ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓާ އިންދިރާ އިން ހަވާލުވީ 2021 ވަނަ އަހަރު އެވެ. އެ ޕްރޮޖެކްޓަށް ފައިނޭންސް ކުރީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. ނަމަވެސް 15 ޕަސެންޓުގެ އެޑްވާންސަށްވާ 3.6 މިލިއަން ޑޮލަރު ނެގުމަށް ފަހު އެ ކުންފުނިން އެއްވެސް މަސައްކަތެއްކޮށްފައި ނުވާ ކަމަށް އިހުސާން ކުރިން ވަނީ ވިދާޅުވެފަ އެވެ.