ވެކްސިން ޖެހިފަހުން ލޭގަނޑުވުމުގެ މައްސަލަތަކެއް ދިމާވުމުން، އިޓަލީ އާއި ޑެންމާކް އާއި އައިސްލޭންޑް އަދި ނޯވޭ އިން އެސްޓްރާޒެނިކާ ވެކްސިން ދިނުން މެދުކަނޑާލަން ނިންމައިފި އެވެ.
އެ ގައުމުތަކުގެ އިތުރުން އޮސްޓްރިއާއިން ވަނީ މީގެ ކުރިން އެސްޓްރާޒެނެކާ ވެކަސިން ދިނުން މަޑުޖައްސާފަ އެވެ. އޮސްޓްރިއާ އިން ވެސް އެ ވެކްސިން ދިނުން މެދުކަނޑާލަން ނިންމީ އެ ގައުމުގައި ކޮގުލޭޝަން ޑިސްއޯޑާ (ލޭ ގަނޑުލުން) އަދި "ޕަލްމަނަރީ އެމްބޮލިޒްމް" އާ ގުޅިގެން މީހަކު މަރުވުމުންނެވެ.
ނަމަވެސް ޔޫރަޕްގެ މެޑިސިން ރެގިއުލޭޓަރު، ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ބުނިގޮތުގައި ވެކްސިން އިން ލިބިދާނެ ގެއްލުމަށް ވުރެ އެއިން ލިބޭ ފައިދާ މާ ބޮޑެވެ. އެހެންކަމުން އެ ވެކްސިން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
ކޮވިޑް ކޭސްތައް ގިނަވެ އާ ވޭރިއެންޓެއްގެ ނުރައްކާ އޮތް ނަމަވެސް ޔޫރަޕުން ވެކްސިން އުފައްދާ ގައުމުތަކަށް ޑެލިވާ ކުރުން ވަނީ ލަސްވެފަ އެވެ. މި އާ ވޭރިއެންޓާ ގުޅިގެން އިޓަލީ އާއި ފްރާންސް ފަދަ ގައުމުތައް ވަނީ އަނެއްކާ ވެސް ލޮކްޑައުންއަކަށް ގޮސްފަ އެވެ.
ޑެންމާކް އިން ވެކްސިން ޖެހުން ދެ ހަފްތާއަށް ހުއްޓާލާފައި ވަނީ 60 އަހަރުގެ އަންހެނަކު ލޭ ގަނޑުވެ، މަރުވުމުން ކަމަށް އެ ގައުމުގެ ހެލްތު އޮތޯރިޓީން ބުންޏެވެ. އެ މީހާ އަށް ޖެހި ވެކްސިނަކީ އޮސްޓްރިއާގައި ބޭނުން ކުރި ވެކްސިންގެ "ބެޗް"ގެ ވެކްސިން ޝޮޓެއް ކަމަށް އެ ޑެންމާކްގެ ހެލްތު އޮތޯރިޓީން ބުންޏެވެ.
"މިވަގުތު ވެކްސިންއާ މި މަރާ ގުޅުމެއް އޮތްތޯ ބުނަން ދަތި. ތަހުގީގުތައް ކުރިއަށް ގޮސްގެން އެކަން އެނގޭނީ،" ހެލްތު މިނިސްޓަރު މެގްނަސް ހެއުނިކް ޓުވިޓާގައި ވިދާޅުވެފައި ވެ އެވެ.
"ވެކްސިން އާއި ބްލަޑް ކްލޮޓް ކޭސް އާއި ގުޅުމެއް ހުރިތޯ ބަލަން އިތުރު މައުލޫމާތު ހޯދަން އަދި މަޑު ކުރަން ޖެހޭން،" އެފްއެޗްއައިގެ ޑިރެކްޓާ އޮފް އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލްގެ ޑިރެކްޓަރު ގެއާ ބުކޮލްމް ވިދާޅުވި އެވެ.
އައިސްލޭންޑްގައި ވެސް ވަނީ އެ ވެކްސިން ދިނުން ހުއްޓާލާފަ އެވެ. އަދި އިޓަލީން ވެސް ބުނިގޮތުގައި އެ ގައުމުން ވެސް އެސްޓްރާޒެނިކާގެ އެހެން ބެޗެއް ބޭނުން ކުރުން ވެސް ހުއްޓާލާނެ އެވެ.
ލަންޑަން ސްކޫލް އޮފް ހައިޖިން އެންޑް ޓްރޮޕިކަލް މެޑީސިންގެ ޕްރޮފެސްރެއް ކަމަށްވާ ސްޓިފެން އިވާންސް ވިދާޅުވިގޮތުގައި ކޮވިޑް-19 ގެ މި ބައްޔަކީ ވެސް ލޭ ގަނޑުވުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބައްޔެކެވެ.
ޔޫކޭގެ މެޑީސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީގެ އިސްވެރިޔާ ފިލް ބްރަޔަން ވިދާޅުވިގޮތުގައި ލޭ ގަނޑުވުމުގެ ކޭސްތައް އާންމުކޮށް ވެކްސިން ޖެހުމުން ހިނގާ ވަރަށް ވުރެން އިތުރެއް ނުވެ އެވެ.
"ވެކްސިންގެ ސަބަބުން ކުރަމަތިވި ކަމެއްކަން ހާމަކޮށްދޭން އެއްވެސް ހެއްކެއް އަދި ނެތް،" އޭނާ އިތުރަށް ވިދާޅުވި އެވެ.
11 މިލިއަން އަށް ވުރެން ގިނަ ވެކްސިން ޑޯސްތައް އިނގިރޭސިވިލާތުގައި މިހާތަނަށް ދީފައިވެ އެވެ.
އެސްޓްރާ ޒެނިކާއިން ވަނީ ވެކްސިނަކީ އެތައް ދިރާސާއަކަށްފަހު ތައްޔާރުކޮށް، ބޭނުން ކުރަން އެދެވޭ ވެކްސިނެއް ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
ބުދަ ދުވަހު އީއެމްއޭ އިން ވަނީ މި ވެކްސިން އާއި އޮސްޓްރިއާގެ މަރުގެ ދެ ކޭސް އާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. އަދި ވެކްސިން ޖެހި ތިން މިލިއަން މީހުންގެ ތެރެއިން 22 ކޭސް ފެނުމަކީ އާންމު ގޮތެއްގައި ވެސް މިފަދަ ކަންތައް ދިމާވާ އަދަދާއި އެއްވަރު އަދަދެއް ކަމަށް އެ އެޖެންސީން ބުންޏެވެ.
ޑެންމާކް އާއި ނޯވޭ ފަދައިން އިތުރު ހަތަރު ގައުމަކުން ވެސް ވަނީ އިންވެސްޓިގޭޝަންތައް ނިމެންދެން ވެކްސިން ދިނުން މެދުކަޑާލާފަ އެވެ. މި ހަތަރު ގައުމަކީ އެސްޓޯނިއާ، ލިތުއޭނިއާ، ލަކްޒެމްބާގް އަދި ލަޓްވިއާ އެވެ.
ކޮވިޑާ ދެކޮޅަށް އުފެއްދި މި ވެކްސިންގެ އެއް މިލިއަން ވެކްސިން ޑޯޒް ޔޫރަޕްގެ ގައުމުތަކަށް ވަނީ ފޮނުވައިފަ އެވެ.
ސްވިޑަން އިން ބުނިގޮތުގައި ވެކްސިން ދިނުން ހުއްޓާލަން އެގައުމަކަށް އެކަށީގެންވާ ހެއްކެއް ފެނިފައެއް ނުވެ އެވެ.
ޑެންމާކްގައި މިހާތަނަށް 138،148 މީހުންނަށް އެ ވެކްސިން ދީފައިވެ އެވެ. އާބާދީގައި 5.8 މިލިއަން މީހުން އެގައުމުގެ ހެލްތު އޮތޯރިޓީން ބުނިގޮތުގައި އެ ގައުމުގެ އެންމެނަށް ވެކްސިންދީ ނިމޭނީ އަންނަ އޮގަސްޓް 15ގަ އެވެ.
ބުރާސްފަތި ދުވަހު ޔޫރަޕިއަން ޔޫނިއަނުން ވަނީ ޖޯންސަން އެންޑް ޖޯންސަންސްގެ އެއް ޑޯޒްގެ ކޮވިޑް ވެކްސިން ޖަހަން ފެށުމަށް ހުއްދަ ދީފަ އެވެ. -- ރޮއިޓާސް